ޚަބަރު
މާލޭގެ 7 ތަނެއް ބަލައިފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅުނު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!
އޮޕަރޭޝެންގެ ތެރެއިން/ފޮޓޯ: އިމިގްރޭޝަން
މާލޭ 7 ސަރަޙައްދެއް ބަލައިފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅުނު ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މަޢުލޫމާތު ހިއްސާކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ހުޅުވާލީ ނޮވެންބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ، ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ މާލޭގައި ހިންގަމުންދިޔަ 07 ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ. އަދި މި އޮޕަރޭޝަންގައި، ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ބަލައިފާސްކުރުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަންގައި އިއްޔެ ވަނީ މާލޭގައި ހިންގަމުންދިޔަ 07 ތަނެއް ބަލައި ފާސްކޮށްފައި. އަދި ގަވާއިދާ ހިލާފަށް އުޅެމުންދިއަ ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި.… pic.twitter.com/zVG3vyl5uA
— Maldives Immigration (@ImmigrationMV) December 22, 2025
ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވިދާޅުވީ، ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެލިސްޓުގައި ބިދޭސީން ވިޔަފާރިކުރުން މަނާ 34 ދާއިރާއެއް ހިމަނާފައިވެއެވެ.
ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯޓް ކުރުމަށް ސަރުކާރުން ވަނީ ޢިލްތިމާސްކޮށްފައެވެ. އެގޮތުން (https://trade.gov.mv/report-business-dv) މެދުވެރިކޮށް، ރިޕޯޓް ކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އާއި ރޭގަނޑު 8:00 އާ ދެމެދު އެ ވުޒާރާގެ ހޮޓްލައިން ނަންބަރު 3333199އަށް ރިޕޯޓް ކުރެވޭއިރު، މައްސަލަތައް އިމިގްރޭޝަން ވޮޗްއަށްވެސް ރިޕޯޓު ކުރެވޭނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.