ޚަބަރު
ޖިނާޢީ ކުށްތަކަށް އަރައިގަންނަ މުވައްޒަފުންނަށް ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެ: ސީޕީ ނަވީން
ސީޕީ ނަވީން/ފޮޓޯ: ފުލުހުން
ޖިނާޢީ ކުށްތަކަށް އަރައިގަންނަ މުވައްޒަފުންނަށް ފުލުހުންގެ ޚިދުމަތުން ޖާގައެއް ނޯންނާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.
ސީޕީ މިފަދައިން ވިދާޅުވީ، ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކުރުމާ ގުޅިގެންނެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މުޙައްމަދު ނަވާޒް އަކީ ފުލުހެކެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރުމާއެކު މުޙައްމަދު ނަވާޒް ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. ނަވާޒްއަކީ 2021 ވަނަ އަހަރު ފުލުހުންގެ 33 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް، 2022 ވަނަ އަހަރު ކޮލިފައިޑް ޕޮލިސް އޮފިސަރަކަށް ވެފައިވާ ފުލުހެކެވެ.
މި މައްސަލައާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، ޖިނާޢީ މިފަދަ ކުށްކުރާ މުވައްޒަފުންނާ މެދު ޤާނޫނީގޮތުން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށާއި، މިފަދަ ކުށްތަކަށް އަރައިގަންނަ މުވައްޒަފުންނަށް ފުލުހުންގެ ޚިދުމަތުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި މިފަދަ ކުށްކުރާ މުވައްޒަފުންނަށް ފުލުހުންގެ ޚިދުމަތުން އެއްވެސް ޖާގައެއް ނުދޭނެކަމުގެ ޔަޤީންކަން ސީޕީ ވަނީ ދެއްވާފައެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިލާސާގެ / ތ. ހިރިލަންދޫ، މުޙައްމަދު ނަވާޒް (25އ)އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައި ތ. ވަންދޫ ބަނދަރު މަތިންނެވެ. އޭނާ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވާއިރު، އޭނާގެ ކުޑަކަމުދާތަކެތި ވަނީ މަަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.
ފަހަކަށް އައިސް ފުލުހުންގެ ފަރާތުން ޤާނޫނާ ޚިލާފު ކުށްތައް ފެންނަމުންދާއިރު، މިކަމާއި ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ ހަރުކަށި ފިިޔަވަޅުތައް އަޅަމުންނެވެ.