ޚަބަރު
މަސްވެރިކަމުން ނަފާ އިތުރުކުރުމަށް ސަރުކާރުން އެހީވާނެ: ސްޓޭޓް މިނިސްޓަރ މުއްތަލިބް
ސްޓޭޓް މިނިސްޓަރ ވާހަކަ ދެއްކެވުން/ފޮޓޯ: ވުޒާރާ
މަސްވެރިކަމުން ނަފާ އިތުރުކުރުމަށް މަސްވެރިންނަށާއި މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސަރުކާރުން އެހީވާނެކަމަށް މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ މުއްތަލިބް މިފަދައިން ވިދާޅުވީ، މިފްކޯ އިން ފުވައްމުލައް ސިޓީގައި ޤާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެއި ވާހަކަފުޅުދައްކަވަމުންނެވެ.
މުއްތަލިބު ވިދާޅުވީ މިފްކޯ އިން ފުވައްމުލައް ސިޓީގައި ޤާއިމްކުރި މަސް ޕްރޮސެސިންގ ފެސިލިޓީގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިންނަށާއި ފުވައްމުލަކުގެ މަސްވެރިންނަށް އަދި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމަށެވެ. އަދި ފުވައްމުލަކުގެ މަސްވެރިކަން އެހެން ހަރުފަރަކަށް ގެންދަން ޖެހޭކަން ފަހަގަކުރައްވާ މުއްތަލިބް ވިދާޅުވީ، މިހާރާ ޚިލާފަށް، ބާނާމަސް އައިހުގައި ރައްކާތެރިކަމާއެކު އެ ފެސިލިޓީއާއި ހަމަހަށް ގެނެވޭނެ ގޮތް ހަދަން ޖެހޭކަމަށެވެ. އަދި މިކަމަށް މަސްވެރިންނަށް ސަރުކާރުން އެހީވާނެކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މީގެ އިތުރުން، މަސް ޕްރޮސެސިންގ ފެސިލިޓީގެ ސަބަބުން މަސްވެރިން ބާނާ މަސްކޮޅޮ ދާއިމީކޮށް ވިއްކާލެވޭނެ ކަމުގެ ޔަޤީންކަން ލިބިގެން ދާނެކަމަށްވެސް މުއްތަލިބް ވިދާޅުވިއެވެ. ހަމަ އެހެންމެ، ފުވައްމުލައް މަސް ޕްރޮސެސިންގ ފެސިލިޓީގެ ސަބަބުން ރައްޔިތުންނަށް ރައްކާތެރި ގޮތުގައި މަސް ފޯރުކޮށްދިނުމުގެ އިތުރަށް މަސްވެރިކަމުން ނަފާ އިތުރުކުރުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް މުއްތަލިބް ވަނީ ވިދާޅުވެފައެވެ.
މި ފެސިލިޓީގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި މަސްވެރިކަމުން އެދެވޭ ނަފާއެއް ހޯދުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.