ވިޔަފާރި
އެމްއެމްއޭއިން ޕޭމަންޓް މޯލްޑިވްސްގެ ނަމުގައި ކުންފުންޏެއް އުފައްދައިފި
ޕޭމަންޓް މޯލްޑިވްސް އިފްތިތާޙުކުރުން / ފޮޓޯ: އެމްއެމްއޭ
ފަރުދުން
22 ޑިސެމްބަރު 2025، 07:24
22 ޑިސެމްބަރު 2025، 07:24
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން "ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" (ޕޭމަންޓް މޯލްޑިވްސް)ގެ ނަމުގައި ކުންފުންޏެއް އުފައްދައިފިއެވެ.
ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭއިން އުފެއްދި މި ކުންފުންޏަކީ ދިވެހިރާއްޖޭގެ ޕޭމަންޓް ސިސްޓަމް ތަރައްގީކޮށް އާންމުންނާއި ވިޔަފާރިތަކަށް ބޭނުންކުރަން ފަސޭހަ ޕޭމަންޓް ހިދުމަތްތަކެއް، މިހާރަށްވުރެ ހަލުވިކޮށް ތައާރަފް ކުރެވޭނެ ފަދަ އިންފްރާސްޓްރަކްޗަރއެއް ގާއިމް ކުރުމުގެ މަގުސަދުގައި އުފެއްދި ކުންފުންޏެއްކަމަށް ވަނީ ހާމަކޮށްފައެވެ.
މިއަދު އޮތް ޙާއްޞަ ރަސްމިއްޔާތެއްގައި މި ކުންފުނި ރަސްމީކޮށް އިފްތިތާޚްކޮށްދެއްވީ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ.
އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި މި ކުންފުނި ވެގެންދާނީ ދިވެހިރާއްޖޭގައި ހިންގާ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް ހަރުދަނާ ގޮތެއްގައި ހިންގުމުގެ އިތުރުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އައު އިޖާދީ ޕޭމަންޓް ހިދުމަތްތައް ތައާރަފުކުރުމަށް މަގުފަހިކޮށްދޭ ކުންފުންޏަކަށެވެ. އަދި ރާއްޖޭގައި މާލީ ބައިވެރިވުން އިތުރުކުރުމަށްޓަކައި އިޤުތިސާދުގައި ހަރަކާތްތެރިވާ އެކި ސެގްމަންޓްތަކަށް ބޭނުންވާ ޕޭމަންޓް ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް އެ މަސައްކަތްތައް ވިލަރެސްކުރާ މައިގަނޑު މުއައްސަސާއަށެވެ.
އެމްއެމްއޭއިން ހާމަކުރާގޮތުގައި ޕޭމަންޓް މޯލްޑިވްސް ވެގެން ދާނީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ މަސްއޫލިއްޔަތާއި ވަކިކުރެވި، ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް މެދުވެރިކޮށް ދެވޭ ޚިދުމަތްތައް ވަކި މެނޭޖްމަންޓެއްގެ ދަށުން ކުރިއެރުވުމުގެ ޒިންމާ މަތިކުރެވިފައިވާ ކުންފުންޏަކަށެވެ.
އަދި ޕޭމަންޓް މޯލްޑިވްސްގެ ސަބަބުން މުޅި ޕޭމަންޓް އިންފްރާސްޓްރަކްޗަރގެ ތަރައްގީގެ މަސައްކަތްތަކުގެ ދުވެލި އަވަސްވެގެންދާނެ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ. އޭގެއިތުރުން، މާލީ ޚިދުމަތްދޭ ފަރާތްތަކުގެ ބައިވެރިވުމާއެކު މިފަދަ މަޝްރޫއުތައް ހިންގުމުން، އައު އީޖާދީ ޚިދުމަތްތައް ތަޢާރަފްކުރުމުގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި އެ ފަރާތްތަކުގެ އެއްބާރުލުން ލިބުމުގައި ފަސޭހަ ވެގެންދާނެ ކަމަށްވެސް އެމްއެމްއޭއިން ހާމަކުރެއެވެ.
އެގޮތުން ކުންފުނީގެ މަސައްކަތް ފެށިގެންދާއިރު ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް) ގެ ހިންގުން ޕޭމަންޓް މޯލްޑިވްސްގެ ދަށަށް ބަދަލުކުރެވިގެންދާއިރު، ޕޭމަންޓް ސިސްޓަމް ތަރައްޤީ ކުރުމުގެ ގޮތުން މިހާރުވެސް ފެށިގެން ކުރިޔަށްދާ މުހިއްމު މަޝްރޫއުތައް ކަމުގައިވާ ފަވަރަ އާއި އިންޑިޔާގެ ޔޫޕީއައި އާއި ގުޅާލާ ކްރޮސް ބޯޑަރ އިންޓަރގްރޭޝަން ގާއިމްކުރުމުގެ މަޝްރޫއުގެ އިތުރުން، ޕޭއެމްވީ ކިއުއާރު ކޯޑު ތަންފީޒު ކުރުމުގެ މަސައްކަތްވެސް ދެން ކުރިޔަށް ގެންދާނީ ޕޭމަންޓް މޯލްޑިވްސް އިންއެވެ.