ޚަބަރު
ވީއައިއޭގެ އައު ޓާމިނަލުން 'ޤަތަރު އެއަރވޭސް' އަށް ވެސް ޚިދުމަތް ދޭން ފަށައިފި
ޚިދުމަތް ދޭން ފެށުން/ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލުން ޤަތަރުގެ ޤައުމީ އެއަރލައިން 'ޤަތަރު އެއަރވޭސް' އަށް ވެސް ޚިދުމަތް ދޭން ފަށައިފި އެވެ.
ވީއައިއޭ ގެ އައު ފަސިންޖަރު ޓާމިނަލް (ޓާމިނަލް 1) އިން ޤަތަރު އެއަރވޭސް އަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި ޝަރަފްވެރިކޮށްދެވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުހައްމަދާއި، ޤަތަރު އެއާވޭސްގެ ނެޓްވޯކް ސްޓޭޝަންގެ ނައިބު ރައީސް ޕައުލް ލުސިއަން އާއި، ޤަތަރު އެއާވޭސްގެ އޮފިޝަލުންނާއި، އެމްއޭސީއެލްގެ އިސްވެރިން، އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި، ޤަތަރު އެއަރވޭސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ފުރި 162 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. ހަމަ އެހެންމެ، ޓާމިނަލް 1 އާ ކައިރި ކުރި ޤަތަރު އެއަރވޭސްގެ ފުރަތަމަ ފްލައިޓް (QR674) އިން ރާއްޖެ އައި 222 ފަސިންޖަރުންނަށް ވަނީ ސަޤާފީ އެކި ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިއީ، ޓަރމިނަލުގައި އަލަށް ޚިދުމަތް ފަށާ ހުރިހާ އެއަރލައިންތަކަށް ވެސް އެމްއޭސީއެލުން ކުރިއަށް ގެންދާ ޙަކަރާތެއްކަން ފާހަގަކޮށްލެވެއެވެ.

ޤަތަރު އެއާވޭސް އަކީ ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި ޤަތަރުގެ ފުރަތަމަ އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 18 ޑިސެންބަރު 2001 ގައެވެ. ހަމަ އެހެންމެ، ޤަތަރު އެއާވޭސް އަކީ، ވީއައިއޭގެ އާ ޓާމިނަލުން ޚިދުމަތް ދޭން ފެށި 37 ވަނަ އެއާލައިނަށް ވާއިރު، އެމްއޭސީއެލްގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި މި ޚިދުމަތް އިތުރު އެއަރލައިންތަކަށް ފުޅާކުރުންކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
Qatar Airways’ commencement of operations at Terminal 1, Velana International Airport, was officially marked with a ceremonial ribbon-cutting. pic.twitter.com/2QyLjai12b
— Maldives Airports Company Ltd (@MACLmedia) December 22, 2025