Ads by Stelco

ޚަބަރު

ދިރާސީ އައު އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ޖަނަވަރީ މަހުގެ 10ގެ ކުރިން ފޮނުވައި ނިންމާލެވޭނެ: ވަޒީރު

ދިރާސީ އައު އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ޖަނަވަރީ މަހުގެ 10ގެ ކުރިން ފޮނުވައި ނިންމާލެވޭނެ: ވަޒީރު

ޓެކްސްޓް ފޮތްްތައް/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ޑިސެމްބަރު 2025، 11:21

23 ޑިސެމްބަރު 2025، 11:21

ދިރާސީ އައު އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އަންނަ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފޮނުވައި ނިންމާލެވޭނެކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ތަޢުލީމީ ވުޒާރާއިން ފަށާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

މިކަމާއި ގުޅިގެން ވާހަކަފުޅުދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ފޮތްތައް ފޮނުވުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށެވެ. އެގޮތުން، މިހާތަނަށް 40 އަށްވުރެ ގިނަ ސްކޫލަށް ޓެކްސްޓް ފޮތް ފޮނުވާފައިވާކަމަށާއި، އަންނަ މަހުގެ 10 ގެ ކުރިން ހުރިހާ ސްކޫލަކަށް ޓެކްސްޓް ފޮތް ފޮނުވާ ނިންމާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ހަމަ އެހެންމެ، ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީގެ ވައުޗަރތައްވެސް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވިިއެވެ.

ދިރާސީ އަހަރެއް ފެށުމުގެ ކުރިން ތަޢުލީމީ ވުޒާރާއިން އަންނަނީ ދަަރިވަރުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޚާއްޞަކޮށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ކިޔެވުން ފެށުމުގެ ކުރިން ފޯރުކޮށްދިނުމާއި، މުދައްރިސުން ހަމަކުރުމުގެ މަސައްކަތްތައް ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، ސްކޫލްތައް އާބާތުރަ ފިލުވުމުގެ މަސައްކަތަކީވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ކުރާ މުހިންމު މަސައްކަތެކެވެ. މިގޮތުން، އަންނަ ދިރާސީ އަހަރައް ތައްޔާރުވުމަށް 40 މިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާކަމަށް ތަޢުލީމީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

ދިރާސީ އައު އަހަރަށް ތައްޔާރުވަމުން އަންނައިރު، ސްކޫލްތަކުގެ ކިޔެވުން ފަށާއިރު ރާއްޖޭގެ ހުރިހާ ސްކޫލްއެއްގެ ކްލާސްރޫމްތައް އޭސީކޮށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި ދިރާސީ އައު އަހަރުގައި ދަރިވަރުން ކިޔަވާނީ އޭސީކޮށްފައިވާ ކްލާސްރޫމްތަކެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން ތަރައްޤީކުރާ ފުރަތަމަ ސްކޫލް "ޝަހީދު އަލީ" ސްކޫލްގައި ކިޔެވުން ފަށާނެއެވެ.

މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ ފެށޭނީ މި މަހުގެ 25 ވަނަ ދުވަހުގައެވެ. އަދި ޗުއްޓީ ނިންމުމަށް ފަހު އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ. ފުރަތަމަ ޓާމްގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 އަށް ލިބޭއިރު ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17 އިން އޯގަސްޓް މަހުގެ ފުރަތަމަ ދުވަހާ ހަމައަށެވެ. އަދި ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރު އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ފަށާއިރު، ދެވަނަ ޓާމްގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ. އަދި 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 17 ވަނަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450