ޚަބަރު
ކޮޅުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފި
ކޮޅުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ މަސައްކަތް ފެނަކައާ ހަވާލުކުރުން
ހުލާސާ
މ. ކޮޅުފުށީގައި އަލަށް އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ބޭނުންވާ ވިއުގަ ގާއިމުކުރުމުގެ މަޝްރޫއު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް މުޙައްމަދު ފާއިޒް އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އާދަމް ތައުފީޤް އެވެ.
މި މަޝްރޫއަކީ ޖުމްލަ 11,595,900 (އެގާރަ މިލިއަން ފަސްލައްކަ ނުވަދިހަ ފަސްހާސް ނުވަސަތޭކަ) ދިވެހި ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް ފެނަކައާ ހަވާލުކޮށްފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 20 ހަފްތާ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން ކޮޅުފުށީގައި އަލަށް ބިނާކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ބޭނުންވާ ފެނާއި ނަރުދަމާގެ މައި ވިއުގަ އެޅުމާއި، ގޭގެއަށް ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މިއީ އެ ރަށުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ނިމި، އާންމުން އެ ތަންތަނަށް ވަނުމުގެ ކުރިން އަސާސީ ހިދުމަތްތައް ފުރިހަމަކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.