ކުޅިވަރު
ސެމެންޔޯ ހޯދުމަށް ހަތަރު ޓީމެއް، ކުރީގައި މެންޗެސްޓަރ ސިޓީ
ބޯނެމައުތަށް ކުޅެމުން އަންނަ ސެމެންޔޯ---
ފަރުދުން
24 ޑިސެމްބަރު 2025، 09:25
24 ޑިސެމްބަރު 2025، 09:25
އިނގިރޭސި ޕްރިމިއަރ ލީގުގެ ބޯނެމައުތަށް ކުޅެމުން އަންނަ އެންޓޮއިން ސެމެންޔޯ ހޯދުމަށް އެ ލީގުގެ ހަތަރު ކްލަބަކުން މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ރޭހުގައި އުޅޭނީ މެންޗެސްޓަރ ސިޓީ، ލިވަޕޫލް، ޗެލްސީ އަދި ޓޮޓެންހަމް ހޮޓްސްޕާރއެވެ. އަދި މި ކަމުގައި އެންމެ ކައިރިން މަސައްކަތްކުރަމުން ދަނީ މެންޗެސްޓަރ ސިޓީ ކަމަށާއި، ގޮތެއް ނިންމުން މިހާރު އޮތީ ސެމެންޔޯގެ އަތްމަތީގައި ކަމަށް ވެސް އިނގިރޭސި މީޑިއާއެއް ކަމުގައިވާ ބީބީސީއިން ވަނީ ރިޕޯޓުކޮށްފައެވެ.
ނަމަވެސް ޗެލްސީ އާއި ޓޮޓެންހަމް މި މަސައްކަތުގައި މަޑުޖައްސާލާފައިވާކަމަށް ވެސް ބައެއް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.
އުމުރުން 25 އަހަރުގެ ސެމެންޔޯ ބޯނެމައުތުއާ ދެމެދު ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން، އެ ކްލަބުން އޭނާ ދޫކޮށްލާނީ 65 މިލިއަން ޕައުންޑުގެ އަގަކަށެވެ.
2023ގައި ބްރިސްޓޯލް ސިޓީއިން ބޯނެމައުތުއާ ގުޅުނު ސެމެޔޯއަކީ މިހާރު އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާއަށްވީއިރު، އޭނާ ސީޒަން ނިމެންދެން މަޑުކުރުވުމަށް އެ ޓީމުން މަސައްކަތްކުރާނެކަމަށް ބެލެވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނައިގައި މިވަގުތު އޮތް ސިޓީ އިން ލީގު ހޯދުމަށް ކުރަމުންދާ މަސައްކަތުގައި އެ ޓީމަށް އިތުރު ކުޅުންތެރިން އަންނަ ޖެނުއަރީ މަހު ގެންނާނެކަމަށް ރިޕޯޓްތައް ބުނެފައިވާއިރު، ސެމެންޔޯ ހޯދުމަށް އެ ޓީމުން ސީރިއަސް މަސައްކަތްތަކެއް ކުރިޔަށްގެންދާނެކަމަށް ވަނީ ބެލެވިފައެވެ.