ޚަބަރު
ސަރަޙައްދީ ޤައުމުތަކުގައި ދިވެހިން ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވާކަން ފާހަގަކުރެވިއްޖެ: ފުލުހުން
ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް، ޗީފް އިނިސެޕްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް ފޮޓޯ: ޕީއެސްއެމް
ސަރަޙައްދީ ޤައުމުތަކުގައި ދިވެހިން ޤާއިމްވެ ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތްތައް ކުރަމުންދާކަން ތަހުޤީގުތަކުން ފާހަގަވެފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ ފަރާތުން ކުރައްވާ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރައްވާފައިވަނީ ފުލުހުންގެ ޑްރަގް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލްގެ ހެޑް، ޗީފް އިނިސެޕްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފްއެވެ.
ނާއިފް ވިދާޅުވި ގޮތުގައި ފަހަކަށް އައިސް ރާއްޖެއިން ބޭރުގައި، ޚާއްސަކޮށް ސަރަޙައްދީ ޤައުމުތަކުގައި ތިބެގެން ދިވެހިން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން، އެއަރ ކާގޯއާއި ސީ ކާގޯ މެދުވެރިކޮށް، އަދި އިލެކްޓްރިކް ސާމާނުތަކުގައި މަސްތުވާތަކެތި ފޮރުވައިގެން ފޮނުވަމުންދާކަން ވަނީ ހާމަވެފައެވެ. މިހާތަނަށް ރާއްޖެއިން ބޭރުގައި ތިބެގެން މަސްތުވާތަކެތި އެތެރެ ކުރާ ތިން ދިވެއްސަކު ވަނީ ފާހަގަކުރެވިފައެވެ. މި މީހުންގެ ތެރޭގައި ޖިނާޢީ އެކި މައްސަލަތަކުގެ ރެކޯޑް އޮތް ފަރާތްތައްވެސް ހިމެނޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި ތައިލޭންޑް އާއި މެލޭޝިއާ ފަދަ ޤައުމުތަކުގައި ދިވެހިން ތިބެގެން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ.
ޗީފް އިނިސެޕްޓަރ ނާއިފް އިތުރަށް ވިދާޅުވީ، ދުނިޔޭގެ ކޮންމެ ސަރަޙައްދެއްގައި ދިވެހިން ޤާއިމްވެ ތިބެގެން ޖިނާޢީ ކުށް ކުރާ ފަރާތްތައް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެންވިޔަސް އެމީހުން ރާއްޖެ ގެނެސްގެން ތަޙްޤީގު ހިންގާނެ ކަމަށެވެ. މީގެ އިތުރުން، ބައެއް ފަރާތްތަކުން ފިލައިގެން ރާއްޖެ ދޫކޮށްދިއުން ފަދަ ކަންކަމުގައި އަވައްޓެރި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުގެ އެހީ ހޯދައިގެން އެމީހުން އަތުލައިގަތުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިކަމުގެ މަޤްސަދަކީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމާއި، މިކުށްތައް ކުރާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުން ކަމަށް ފުލުހުން ވިދާޅުވިއެވެ.