Ads by Stelco

ޚަބަރު

ފަސް މިލިޔަން ގަސް އިންދުމުގެ ނާސަރީ މަސައްކަތް އަންނަ އަންގާރަ ދުވަހު ހުޅުމާލޭގައި ފަށަނީ

ފަސް މިލިޔަން ގަސް އިންދުމުގެ ނާސަރީ މަސައްކަތް އަންނަ އަންގާރަ ދުވަހު ހުޅުމާލޭގައި ފަށަނީ

ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ފޮޓޯ: ވަގުތު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ޑިސެމްބަރު 2025، 12:16

24 ޑިސެމްބަރު 2025، 12:16

ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ނާސަރީ ތަރައްޤީކުރުމުގެ މަސައްކަތް، އަންނަ އަންގާރަ ދުވަހު ހުޅުމާލޭގައި ފަށާނެ ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް މިއަދު ވިދާޅުވީ، ޗައިނާ ސަރުކާރުން ހަދިޔާ ކުރާ މި ނާސަރީގެ މަސައްކަތް މިމަހުގެ 30 ވާ އަންގާރަ ދުވަހު ހުޅުމާލޭގައި ފެށޭނެ ކަމަށެވެ. މި ނާސަރީގެ މައިގަނޑު ބޭނުމަކީ ރާއްޖެއިން ބޭރުން ގެންނަ ގަސްތައް އިންދައިގެން ބޮޑުކޮށް، ރަށްރަށަށް ފޮނުވުމެވެ. މީގެ އިތުރުން ގަސް ހެއްދުމުގެ ދާއިރާއަށް ޚާއްސަ މީހުން ބިނާކުރުމަކީވެސް މި ނާސަރީ ތަރައްޤީކުރުމުގެ އެއް ބޭނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޠާރިޤް އިތުރަށް ވިދާޅުވީ، މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެކި އަތޮޅުތަކުގައި ނާސަރީ ހެދޭނެ ރަށްތައް ކަނޑައެޅުމަށް މިހާރު މަޝްވަރާތައް ކުރަމުންދާ ކަމަށެވެ. ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީ ކުރާ މި ނާސަރީގެ މަސައްކަތް ކުރުމަށްޓަކައި، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ތިމާވެއްޓާއި ބެހޭ ވުޒާރާ ދެމެދު މިދިޔަ މޭމަހު ވަނީ ސޮއިކޮށްފައެވެ.

ހުޅުމާލޭގައި ތަރައްޤީކުރާ މި ނާސަރީއަކީ 55,000 އަކަފޫޓުގެ ޒަމާނީ ފެންވަރުގެ ނާސަރީއެކެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މި ތަނުގައި ލެބޯރެޓަރީއަކާއި، ތަމްރީނުދޭ ކޮޓަރިތަކާއި، އޮފީސް ބަޔަކާއި، ގްރީން ހައުސްއެއް ހުންނާނެ ކަމަށެވެ. މި ނާސަރީން ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމުގެ އިތުރުން، ޕްރޮގްރާމް ނިމުމަށްފަހުވެސް އޭގެ ފައިދާ ދިގު މުއްދަތަކަށް ލިބޭނެހެން އެޗް.ޑީ.ސީގެ ބެލުމުގެ ދަށުން ގަސް ހައްދަމުން ދާނެ ކަމަށް ވެސް ވުޒާރާއިން ހާމަކުރެއެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި، ފެހިކަން އިތުރުކޮށް، މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް އިފްތިތާޙް ކޮށްފައިވަނީ މިދިޔަ އަހަރު ތިމާވެށީގެ ދުވަހުއެވެ. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 1,027,372 ގަސް ވަނީ އިންދާފައެވެ. އަދި 55 ރަށުގައި އެކި ބާވަތުގެ ގަސް އިންދަން ގަސް ހަދިޔާކޮށް، ހޭލުންތެރިކަމުގެ ޕްރޮގްރާމަތައް ސްކޫލްތަކުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މި ޕްރޮގްރާމްގެ ދަށުން އިންދާ ގަސްތަކަށް ފެން ދިނުމާއި ބެލެހެއްޓުމަށް ހުރި ގޮންޖެހުންތަކަށް ބަލައި، ފެން ދިނުމަށް ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ޠާރިޤް އިބްރާހީމް ވަނީ ހާމަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450