Ads by Stelco

ޚަބަރު

އެމްޑީޕީގެ ހިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދުމަށް ކުރީގެ ރައީސުންކަމަށްވާ ސޯލިހާއި ނަޝީދު ބައްދަލުކުރައްވައިފި!

އެމްޑީޕީގެ ހިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދުމަށް ކުރީގެ ރައީސުންކަމަށްވާ ސޯލިހާއި ނަޝީދު ބައްދަލުކުރައްވައިފި!

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރެއްވުން ފޮޓޯ: އެމްޑީޕީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

24 ޑިސެމްބަރު 2025، 01:19

24 ޑިސެމްބަރު 2025، 01:19

މިހާރު އެމްޑީޕީގައި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުން ބޮޑުވެ، ވާދަވެރިކަން ހޫނުވެފައިވާ ދަނޑިވަޅެއްގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގޮސްފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް އެމްޑީޕީގެ ތެރޭގައި އަނެއްކާވެސް ފެކްޝަންތައް އުފެދި، މެދުގައި ވާދަވެރިކަން ބޮޑުވަމުންދާ ދަނޑިވަޅެއްގައެވެ.

ކައުންސިލް އިންތިޚާބުގައި އެންމެ މުހިންމު އެއް ދާއިރާ ކަމަށްވާ، މާލޭ ސިޓީ މޭޔަރު ކަމުގެ ޓިކެޓަށް ވާދަކުރައްވާ ދެ ބޭފުޅުންނަށް ޞާލިޙާއި ނަޝީދު ތާއިދުކުރައްވާ ކަމަށް ވަނީ ހާމަވެފައެވެ. އެގޮތުން، މިހާރުގެ މޭޔަރު އާދަމް އާޒިމަށް ރައީސް ޞާލިޙް ތާއިދުކުރައްވާއިރު، މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށް ރައީސް ނަޝީދު ތާއިދުކުރައްވައެވެ. މި ދެ ކެމްޕެއިން ހޫނުވެ، ދެ ކެންޑިޑޭޓުން އެކަކު އަނެކަކަށް ތުހުމަތުތައް އަމާޒުކޮށްފައިވަނިކޮށް، މިދިޔަ ހޯމަ ދުވަހު ރައީސް ޞާލިޙް ވަނީ ދ. ކުޑަހުވަދޫގެ އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރައްވަމުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން އެކުގައި މަސައްކަތް ކުރުމަށް ރައީސް ނަޝީދާ ބައްދަލުކުރައްވާނެކަން ހާމަކުރައްވައިފައެވެ.



ނަޝީދާއި ޞާލިޙަކީ ގާތް އެކުވެރިންގެ ގޮތުގައި އުޅުއްވައި، ގިނަ އަހަރުތަކެއް ވަންދެން އެމްޑީޕީގައި އެކުގައި ސިޔާސީ މަސައްކަތްތައް ކުރައްވައިފައިވާ ދެ ބޭފުޅުންނެވެ. ރައީސް ޞާލިޙް 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތީ ވެސް ރައީސް ނަޝީދުގެ ތާއިދާއެކުގައެވެ. ނަމަވެސް އެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ރައީސް ނަޝީދު، ރައީސް ޞާލިޙްގެ ސަރުކާރަށް ފާޑުކިޔުމާއި ތުހުމަތުތައް ފާޅުގައި އަމާޒުކުރެއްވުމުން، ދެ ބޭފުޅުންގެ ގުޅުން ގޯސްވިއެވެ.

ޚާއްޞަކޮށް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީން ރައީސް ނަޝީދު ނާކާމިޔާބުވުމުންނާއި، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އޭރުގެ ސަރުކާރުން އެއްބާރުލުން ނުލިބުނު ފަހުން ދެ ބޭފުޅުންގެ ގުޅުން އިތުރަށް ގޯސްވިއެވެ. އެއަށްފަހު ރައީސް ނަޝީދު އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއެކު އެ ޕާޓީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފެއްދެވިއެވެ. އެ ޕާޓީން ވެސް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙްގެ ވާދަކުރި ނަމަވެސް، ނާކާމިޔާބުވުމުން، ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދުނުކުރަން ނިންމިއެވެ. ރައީސް ޞާލިޙަށް އެ އިންތިޚާބު ނާކާމިޔާބުވީ އޭގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އޭގެ ފަހުން، މި ސަރުކާރަށް ވެސް ތާއިދުކުރައްވައި ވާހަކަ ދެއްކެވުމަށް ފަހު، މިދިޔަ ޖޫން މަހު ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީއެވެ. ނަމަވެސް އޭގެ ފަހުން ވެސް އެމްޑީޕީގެ ތެރޭގައި ޚިޔާލު ތަފާތުވުން ބޮޑުވެ، ޕާޓީގެ އަޑު ފަނޑުވާކަމުގެ ކަންބޮޑުވުން ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މިހާތަނަށް މި ބައްދަލުވުމުގެ ތަފުސީލެއް މީޑިއާއަކަށް ލިބިފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450