ދުނިޔެ

އިޒްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގައި ބެލްޖިއަމް ތަދައްޚުލްވެއްޖެ

އިޒްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގައި ބެލްޖިއަމް ތަދައްޚުލްވެއްޖެ

އައިސީޖޭގެ ފަނޑިޔާރުންގެ ޖޫރީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ޑިސެމްބަރު 2025، 04:17

24 ޑިސެމްބަރު 2025، 04:17

ޣައްޒާގައި އިޒްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާ ގުޅިގެން، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައަށް ބެލްޖިއަމްއިން ރަސްމީކޮށް ތަދައްޚުލްވެއްޖެއެވެ.

 އދ. ގެ އެންމެ މަތީ ކޯޓުން ހާމަކުރި ގޮތުގައި ބެލްޖިއަމްއިން މި މައްސަލައަށް ތަދައްޚުލްވުމުގެ އިއުލާނެއް ހުށަހަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ބެލްޖިއަމްއަކީ މި މައްސަލައިގައި ބައިވެރިވި އެންމެ ފަހު ޤައުމެވެ. މީގެ ކުރިން ބްރެޒިލް، ކޮލަމްބިއާ، އަޔަލޭންޑް، މެކްސިކޯ، ސްޕެއިން އަދި ތުރުކީވިލާތުން ވެސް ވަނީ މި މައްސަލައިގައި ދެކުނު އެފްރިކާއާ ގުޅިފައެވެ. ދެކުނު އެފްރިކާއިން މި މައްސަލަ ހުށަހެޅީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެ ޤައުމުން ވަކާލާތު ކުރަނީ އިޒްރާއީލުން ޣައްޒާގައި ހިންގާ އަމަލުތަކަކީ 1948 ވަނަ އަހަރުގެ އދ. ގެ ނަސްލު ނައްތާލުން ހުއްޓުވުމާ ބެހޭ މުއާހަދާއާ ހިލާފު އަމަލުތަކެއް ކަމަށެވެ.

މި މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު އައިސީޖޭއިން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. އެ އަމުރުގައި އިޒްރާއީލުން ނަސްލު ނައްތާލުމުގެ އަމަލުތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށާއި، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް ނޭޅުމަށް އަމުރުކޮށްފައިވެއެވެ. ނަމަވެސް އިޒްރާއީލުން ވަނީ މި ތުހުމަތުތައް ދޮގުކޮށް، ކޯޓުގެ ނިންމުންތަކަށް ފާޑުކިޔާފައެވެ.

އައިސީޖޭއިން މީގެ ކުރިން ނިންމާފައިވާ ގޮތުގައި ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ތިބުމަކީ ޤާނޫނާ ޚިލާފު ކަމެކެވެ. އެހެންނަމަވެސް، އިޒްރާއީލުން ދަނީ ޣައްޒާއާއި ހުޅަނގު އައްސޭރީގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢަމަލުތައް ކުރިއަށް ގެންދަމުންނެވެ. އަދި ފަލަސްތީނުގެ ބޮޑެތި ބިންތައް ފޭރިގަތުމުގެ މަސައްކަތްވެސް އެ ގައުމުން ދަނީ ކުރަމުންނެވެ.

މި މައްސަލައިގައި އެމެރިކާއާއި ވިލާތުގެ ބައެއް ޤައުމުތަކުން އަދިވެސް ދަނީ އިޒްރާއީލަށް އަސްކަރީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެމެރިކާއިން ވަނީ ދެކުނު އެފްރިކާގެ މައްސަލަ ބަލައިގަތުމަށް އިންކާރުކޮށް، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ (އައިސީސީ) މެންބަރުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އައިސީސީން ވަނީ އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ބެލްޖިއަމްއަކީ މިދިޔަ ސެޕްޓެމްބަރު މަހު ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތް ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މިހާރު އދ. ގެ މެންބަރު ޤައުމުތަކުގެ ގާތްގަނޑަކަށް 80 އިންސައްތަ ޤައުމުން ވަނީ ފަލަސްތީނު ދައުލަތް ބަލައިގަނެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450