ދުނިޔެ
ސައޫދީއަށް ދޭ ހަމަލާތައް ވަރުގަދަކުރާނެ ކަމަށް ހޫޘީންގެ އަސްކަރީ ތަރުޖަމާނު ބުނެފި
މިސައިލެއް ފޮނުވާލާ މަންޒަރު--
ސައޫދީ އަރަބިއްޔާއަށް އަމާޒުކޮށް ދޭ ހަމަލާތައް ވަރުގަދަކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ ހަމަލާތައް އިތުރަށް ވަރުގަދަކުރާނެ ކަމަށް ޔަމަނުގެ ހޫޘީ ޖަމާއަތުގެ އަސްކަރީ ތަރުޖަމާނު ވިދާޅުވެއްޖެއެވެ. މިއީ ވޭތުވެދިޔަ ގާތްގަނޑަކަށް ތިން ދުވަހުގެ ތެރޭގައި އެ ޖަމާއަތުން ހިންގި 24 ވަނަ އަސްކަރީ އޮޕަރޭޝަން ކަމަށް ވެސް ތަރުޖަމާނު ހާމަކުރެއްވިއެވެ.
ހޫޘީން ހާމަކުރި ގޮތުގައި ފާއިތުވި މަދު ގަޑިއިރުތަކުގެ ތެރޭގައި އެ ޖަމާއަތުން ވަނީ ޖުމްލަ ހަތް އޮޕަރޭޝަނެއް ހިންގާފައެވެ. އޭގެ ތެރެއިން ތިން އޮޕަރޭޝަނެއް އަމާޒުކޮށްފައިވަނީ ސައޫދީ އަރަބިއްޔާގެ އެތެރޭގެ މުހިންމު ތަންތަނަށެވެ. އެގޮތުން ވެރިރަށް ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށާއި، އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ ތެޔޮ ހޮޅިލައިނުގެ ތިންވަނަ ޕަމްޕިންގ ސްޓޭޝަނުގެ އިތުރުން ސައޫދީގެ ދެކުނުގައިވާ ޖީޒާން ސަރަހައްދުގައި ސައޫދީ ފައުޖުތައް ގާއިމުވެ ތިބި ތަންތަނަށް ވެސް ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ޔަމަނުގެ އެތެރޭގައި ހިންގި ހަތަރު އޮޕަރޭޝަނެއްގައި، ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދެކުނުގެ ބަނދަރުމަތީ ރަށް ކަމަށްވާ ޢަދަންގެ ރައުސް ޢައްބާސް އަސްކަރީ ކޭމްޕުގައި ހުރި ހަތިޔާރު ގުދަނަކަށް ހަމަލާދީ އެ ތަން އެއްކޮށް ހަލާކުކޮށްލާފައިވާ ކަމަށް ހޫޘީން ބުންޏެވެ. އަދި ސައޫދީ އޮފިސަރުން ބައްދަލުވުމެއް ބާއްވަމުން ދިޔަ ޖަބަލް ޙަދީދު ކޭމްޕަށް ވެސް ވަނީ ހަމަލާދީފައެވެ.
މީގެ އިތުރުން ޔަމަނުގެ ސަރުކާރުގެ ފައުޖުތައް ގާއިމުވެ ތިބި ލަޙްޖު އަދި އަލްޖައުފު ޕްރޮވިންސަށް ވެސް ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށް އެ ޖަމާއަތުން އިއުލާނުކުރިއެވެ. ލަޙްޖަކީ ޢަދަން ވަށައިގެން އޮންނަ ދެކުނުގެ ސަރަހައްދަކަށް ވާއިރު، އަލްޖައުފު އޮންނަނީ އުތުރުގައި ސައޫދީ އަރަބިއްޔާގެ ބޯޑަރު ކައިރީގައެވެ.
ހޫޘީން ބުނި ގޮތުގައި ވޭތުވެދިޔަ އެއް ދުވަހުގެ ތެރޭގައި އެކަނި ވެސް ޔަމަނުގެ ހަ ޕްރޮވިންސަކަށް ވައިގެ މަގުންނާއި މިސައިލް ބޭނުންކޮށްގެން 85 ހަމަލާއެއް ވަނީ ދީފައެވެ.