Ads by Stelco

ޚަބަރު

ދިރާސީ އަހަރުގެ ކިޔެވުން ނިމި، ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށިއްޖެ

ދިރާސީ އަހަރުގެ ކިޔެވުން ނިމި، ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށިއްޖެ

ދިރާސީ އަހަރުގެ ކިޔެވުން ނިމި ރިޕޯޓްފޯމް ދިނުން ފޮޓޯ: ޕީއެސްއެމް ނިއުސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޑިސެމްބަރު 2025، 11:00

25 ޑިސެމްބަރު 2025، 11:00

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށިއްޖެއެވެ. މިއަދު ވަނީ މާލެއާއި އަތޮޅުތަކުގެ ހުރިހާ ސްކޫލެއްގައިވެސް ދިރާސީ އަހަރުގެ ދެވަނަ ޓާރމްގެ ރިޕޯޓު ފޮތް ދިނުން ކުލަގަދަކޮށް ކުރިއަށް ގެންގޮސްފައެވެ. ގިނަ ބެލެނިވެރިންގެ އެދުމާއި އެކަޑަމިކް ކަލަންޑަރު ރަނގަޅުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލުކުރެއްވުމަށެވެ. މިއީ 4 އަހަރަށްފަހު ދަރިވަރުންނަށް ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭ ފުރަތަމަ ފަހަރެވެ.

މިއަދު ހެނދުނު ސްކޫލުތައް ހުޅުވައި، ދަރިވަރުންނަށް ރިޕޯޓު ކާޑު ދިނުމުގެ ރަސްމިއްޔާތުތައް ބޭއްވިއިރު، ބައެއް ސްކޫލުތަކުގައި މިކަން ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައިވެއެވެ. މިދިރާސީ އަހަރުގެ ކިޔެވުން ފެށީ މިދިޔަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުއެވެ. މި އަހަރު ސަރުކާރުގެ 217 ސްކޫލެއްގައި 84،000 އެއްހާ ދަރިވަރުން ކިޔެވިއެވެ.

މީގެ 4 އަހަރު ކުރިން ދިރާސީ އަހަރުގެ ކިޔެވުން ފެށީ އަހަރުގެ މެދުތެރޭގައެވެ. އެއާއެކު ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބުނީ ޖޫން ޖުލައިގެ ގަދަ ހޫނު ދުވަސްވަރުގައެވެ. މިފަދަ އެތައް މައްސަލަތަކާ ގުޅިގެންނާއި، ގިނަ އަދަދެއްގެ ބެލެނިވެރިންގެ އެދުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީ މަހު ފަށާ ޑިސެމްބަރު މަހަށް ބޮޑު ޗުއްޓީ ލިބޭ ގޮތަށް ހަމަޖައްސަވައިފައެވެ. 

މި ޗުއްޓީގައި ކުރިއަށް އޮތް އަހަރަށް ތައްޔާރުވުމަށް ގަދަ އަޅާ މަސައްކަތް ކުރުމަށް ދަރިވަރުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ޚާއްޞަކޮށް، ގްރޭޑްތައް ބަދަލުވާ ދަރިވަރުންނާއި، ޘާނަވީ އަދި މަތީ ޘާނަވީ ދަރިވަރުންގެ އިމްތިހާނުތަކަށް މި ޗުއްޓީގައި ތައްޔާރުވުން މުހިއްމެވެ. މީގެއިތުރުން ކުޅިވަރާއި މަޖަލުގައި އުޅުމުގެ އިތުރުން، ފިލާވަޅުތައް މުޠާލިއާކޮށް ޢިލްމީ އަދި އަޚްލާޤީ ގޮތުން މޮޅު ދަރިވަރަކަށް ވުމަށް ގަދައަޅާ މަސައްކަތް ކުރުމަށްވެސް އިރުޝާދު ދީފައިވެއެވެ.

އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން، އަންނަ ދިރާސީ އަހަރު (2025) ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމުގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 އަށް ލިބޭނެއެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17 އިން އޯގަސްޓް މަހުގެ ފުރަތަމަ ދުވަހާ ހަމައަށެވެ.

ދެވަނަ ޓާމުގެ ކިޔެވުން އަންނަ އަހަރުގެ އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ފަށާއިރު، ދެވަނަ ޓާމުގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީ ލިބޭނީ އަންނަ އަހަރުގެ ޑިސެމްބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ. އަދި 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 17 ވަނަ ދުވަހުއެވެ.

މިފަހަރުގެ އެކަޑަމިކް ކަލަންޑަރުގައި ވަނީ އަލަށް ދަރިވަރުން ސްކޫލަށް ވައްދާނެ ތާރީޚާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރެވޭނެ މުއްދަތުވެސް ހިމަނާފައެވެ. އެގޮތުން މެއިމަހުގެ 17 އިން ޖޫން 15 އާ ހަމައަށް މުއްދަތެއް ކަނޑައަޅާފައިވާއިރު، އޮކްޓޫބަރު 18 އިން ނޮވެމްބަރު 17 އާ ދެމެދުވެސް އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން، އަންނަ އަހަރަށް އަލަށް ސްކޫލަށް ކުދިން ވައްދާނެ މުއްދަތަކީ ޖުލައި 12 އިން އޯގަސްޓް 31 އާ ހަމައަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450