ވިޔަފާރި
އެސްއެމްއީ ޑިޖިޓަލްއިން ކަނޑު އުޅަނދުފަހަރުގެ ވިޔަފާރިތަކަށް 5 މިލިއަން ރުފިޔާގެ 'ވެސަލް ފައިނޭންސިންގ' ތަޢާރަފްކޮށްފި
ރާއްޖޭގެ މަސްވެރިކަންކުރާ އުޅަނދެއް ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން މާލީ ޚިދުމަތްތައް ފޯރުކޮށްދޭ އެސްއެމްއީ ޑިޖިޓަލްއިން، ކަނޑުއުޅަނދުފަހަރާއި ގުޅުންހުރި ބޭނުންތަކަށް ޚާއްޞަކޮށްގެން އައު ފައިނޭންސިންގ ޕްރޮޑަކްޓެއް ކަމަށްވާ 'ވެސަލް ފައިނޭންސިންގ' ތަޢާރަފްކޮށްފިއެވެ. މި ފައިނޭންސިންގެ ދަށުން 5 މިލިއަން ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެއެވެ.
އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވީ، މި ފައިނޭންސިންގ ފަރުމާކޮށްފައިވަނީ، ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަށާއި، ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން ފައިނޭންސިންގ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. މި ފައިނޭންސިންގެ ދަށުން ލިބޭ ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ދޭން ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި 18 މަސްދުވަހާ ހަމައަށް ގްރޭސް ޕީރިއަޑެއް ވެސް ހިމެނެއެވެ.
މި އައު ފައިނޭންސިންގގެ ބޭނުމަކީ، ކަނޑުއުޅަނދުފަހަރާއި ގުޅުންހުރި ވިޔަފާރިތައް މުޅިން އަލަށް ފަށާ ފަރާތްތަކަށާއި، މިހާރު ހިންގަމުންދާ ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އުޅަނދުފަހަރު ބަނުމަށް ނުވަތަ ގަތުމަށް އަދި އިންޖީނު އެޅުމުގެ އިތުރުން މަރާމާތުގެ މަސައްކަތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން މި ފައިނޭންސިންގ މެދުވެރިކޮށް ފަސޭހަގޮތެއްގައި ލިބިގެންދާނެއެވެ.
ޚާއްޞަ ގޮތެއްގައި މަސްވެރިކަމާއި، ޓޫރިޒަމް އަދި މުދާ އުފުލުމާއި، ލޮޖިސްޓިކްސް ފަދަ ދާއިރާތަކުގައި ބޭނުންކުރާ އުޅަނދުފަހަރާއި އެއާ ގުޅޭ އެކި ބޭނުންތަކަށް މި ފައިނޭންސިންގގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ހާމަކުރެއެވެ.
މި ފައިނޭންސިންގެ ތަޢާރަފްކުރުމާއި ގުޅިގެން ވާހަކަ ދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދުގައި މުހިންމު ދައުރެއް އަދާކުރާ ކަނޑު އުޅަނދުފަހަރާއި ގުޅުންހުރި ސިނާޢަތްތައް ކުރިއެރުވުމަށް މި ފައިނޭންސިންއަކީ ހުޅުވާދެވުނު މުހިންމު މަގެއް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، އުޅަނދުފަހަރު ބަނުމާއި، ގަތުމާއި، އިންޖީނު އެޅުން ފަދަ މުހިންމު ކަންކަމަށް ބޭނުންވާ ފައިނޭންސިންގ ހޯދުމުގައި ވިޔަފާރިތަކަށް މިހާރު ދިމާވާ ގޮންޖެހުންތަކަށް މި ފައިނޭންސިންގގެ ސަބަބުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ ބޭންކުގެ އަމާޒަކީ ހުރިހާ ދާއިރާތަކަކަށްވެސް ފަހި ފުރުސަތުތަކެއް ހޯދައިދީ، ޤައުމުގެ އިގްތިސާދު ހަރުދަނާ ކުރުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުން ކަމަށް ބަދުރުއްދީން ޙަސަން ވަނީ ފާހަގަކުރައްވާފައެވެ.
މި ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ، އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.