Ads by Stelco

ޚަބަރު

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ވަޒީރު ތުޅާދޫއަށް ވަޑައިގެންފި

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ވަޒީރު ތުޅާދޫއަށް ވަޑައިގެންފި

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ފޮޓޯ : ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޑިސެމްބަރު 2025، 02:16

25 ޑިސެމްބަރު 2025، 02:16

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލާއި އެ އަތޮޅު އުތުރުބުރީ މީދޫ ކައުންސިލުގެ ފަރާތުން މި އަހަރު ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބ. ތުޅާދޫގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިއަދު ބ. ތުޅާދޫއަށް ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ، މި މުހިންމު ދުވަހާ ގުޅުވައިގެން ބާއްވާ ހަރަކާތްތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

މި އަހަރު ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބ.ތުޅާދޫ ކައުންސިލާއި ރ. މީދޫ ކައުންސިލު ގުޅިގެން ދެ ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ ޤަދީމީ ގުޅުން އިތުރަށް ބަދަހިކުރުމަށް ވަނީ ނިންމާފައެވެ. މިގޮތުން، ރ. މީދޫ ރައްޔިތުން އެއްބައިވަންތަކަމުގެ ދަތުރެއް ބ. ތުޅާދުއަށް ކުރުމަށް ހަމަޖެހިފައިވާއިރު، މި ދުވަހާ ގުޅުވައިގެން ތުޅާދޫގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި ހަރަކާތްތަކުގެ ތެރޭގައި ދެރަށު ރައްޔިތުން އެކުގައި ފަތިސްނަމާދު ޖަމާޢަތުގައި ކުރުމާއި، ތުޅާދޫ ފެހިކުރުމުގެ ގޮތުން ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމާއި، ރައްޔިތުން އެކުވެ އެކުވެރިކަމުގެ ޝުޢޫރު ފާޅުކުރުމާއި އަތާ އަތްގުޅާލުން ހިމެނެއެވެ. މީގެ އިތުރުން މީދޫ ރައްޔިތުންގެ ޝަރަފުގައި ޖާފަތެއް ބޭއްވުމަށް ވެސް ތުޅާދޫ ކައުންސިލުން ވަނީ ނިންމާފައެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވެސް ތުޅާދޫގައި ތަފާތު ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. މި ހަރަކާތްތަކުގެ މަޤްޞަދަކީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމާއި ރައްޔިތުންގެ އެއްބައިވަންތަކަން އިތުރަށް ބަދަހިކުރުމެވެ.

ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަމުންދަނީ، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ހިތާމަވެރި ކާރިސާއާ ގުޅިގެން ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދައްކަވައިދެއްވި އެކުވެރިކަމާއި އަޚްވަންތަކަމާއި، ޤައުމީ އެއްބައިވަންތަކަމުގެ މަތިވެރި ގުޅުމުގެ ހަނދާންތައް އާކުރުމަށްޓަކައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450