ޚަބަރު
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެއްބަސްވުމެއްގައި ސޮއިކޮށްފި
އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ވުޒާރާ
ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ދެމެދު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. އިބްރާހިމް ޚަލީލް އެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގ ޝިއަންހުއާ އެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަށް އެހީވުމުގެ ގޮތުން 600 މިލިއަން ރެންމިންބިން ގެ ހިލޭ އެހީ ފޯރުކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރު ޑރ. ޚަލީލް ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޗައިނާއަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، މިގޮތުން ކޮށްދެއްވާފައިވާ އަގުހުރި މުހިއްމު މަސައްކަތްތަކަށް އަލިއަޅުއްވާލެއްވިއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، މުހިއްމު ތިން މަޝްރޫޢެއް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ވިލިމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްސިޕް ހޮސްޕިޓަލް މަޝްރޫޢާއި، މާލެ-ވިލިމާލެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން، 50 ރަށެއްގެ ކައުންސިލް އިމާރާތްތައް ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނެއެވެ. ޗައިނާ ސަފީރުގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ޗައިނާ ސަރުކާރުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާ، ކުރިޔަށްގެންދާ މުހިއްމު މަޝްރޫޢުތަކުގެ ސަބަބުން ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޚާރިޖީ ވުޒާރާގެ އިސްވެރިންގެ އިތުރުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އާއި ޗައިނާ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.