ޚަބަރު
ޝަރުތުތަކާއެކު ޝަމްޢާން ބަންދުން ދޫކޮށްލައިފި
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ފޮޓޯ: އިމިގްރޭޝަން
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިއަދު ވަނީ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލާފައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވީ ޝަމްއާން ދޫކޮށްލުމަށް ދައުލަތުން ކޯޓުގައި އެދުނީ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ދަޢުވާތަކާ ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ކުޑަވެފައިވާކަމަށް ފެންނާތީކަމަށެވެ. މިގޮތުން ޝަމްޢާން ބަންދުން ދޫކޮށްލާފައިވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހުއެވެ.
ކޮންޓްރޯލަރ ޖެނެރަލްގެ މަގާމުން ވަކިކުރުމަށްފަހު ޝަމްޢާން ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެންނެވެ. ކޯޓު އަމުރެއްގެ ދަށުން ޝަމްޢާން ހައްޔަރުކުރީ މިދިޔަ މާރިޗު މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.