ރިޕޯޓް

ސުނާމީގެ ކާރިސާއިން ލިބުނީ ހިތްވަރާއި އެއްބައިވަންތަކަމާއި އެކު މުސްތަޤްބަލު ބިނާކޮށް ރައްކާތެރިކުރާނެ އިތުރު ޢަޒުމެއް

ސުނާމީގެ ކާރިސާއިން ލިބުނީ ހިތްވަރާއި އެއްބައިވަންތަކަމާއި އެކު މުސްތަޤްބަލު ބިނާކޮށް ރައްކާތެރިކުރާނެ އިތުރު ޢަޒުމެއް

ސުނާމީ ކާރިސާގައި ގެއްލުން ލިބިފައިވާ ގެއެއް ފޮޓޯ: ޔޫއެންޑީޕީ މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޑިސެމްބަރު 2025، 09:08

26 ޑިސެމްބަރު 2025، 09:08

ދިވެހިންނަކީ ކަނޑަށް މަރެއް، މޫދަށް މަހެއް ފަދަ ބަޔެކެވެ. ދިވެހިންނަކީ އެބައިމީހުންގެ ހިތްތަކުގައި، މޫދަށާއި ކަނޑަށް އެހެން ގައުމުތަކުގެ މީހުންނަށްވުރެ މާ ބޮޑަށްވެސް ލޯބި ޖެހިފައިތިބި ބަޔެކެވެ. ކަނޑުތަކަކީ ދިވެހިންގެ ދިރިއުޅުމުގެ އެއް ބައެވެ. އެ ކަނޑުތަކަކީ ދިވެހިންނަށް އަމާން، ރިޒުގު ތަނަވަސް ވަސީލަތެކެވެ. މަދުންނަމަވެސް ކަނޑުގެ ސަބަބުން ނުރައްކާތެރި ހާދިސާތަކެއް ކުރިމަތިވިނަމަވެސް، ހަގީގަތުގައި ދިވެހިންނާ އެބައިމީހުންގެ ކަނޑުތަކާ ދެމެދު އޮންނަނީ އަޖައިބެއްކަހަލަ ގުޅުމެކެވެ. އެހެނަސް، 2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26ވަނަ ދުވަސް ވެގެންދިޔައީ ދިވެހިން އެންމެ ލޯބިވި، އަދި ދިވެހިންނަށް އަމާން ތަނެއް ކަމުގައިވި ކަނޑު، ނާމާން ބިރުވެރި ތަނަކަށް ވެގެން ދިޔަ ދުވަހަކަށެވެ.
އެއީވެސް މިއަދުފަދަ، އާދައިގެ ދުވަހެކެވެ. އަމާންކަންމަތީ، އުފަލާއި ހިތްހަމަޖެހުމުގެ ކުލަތައް ދުނިޔެމަތިން ފެނުނު ދުވަހެކެވެ. ނަމަވެސް، ދުވަހުގެ ވަކި ހިސާބަކުން އެ ދުވަސް ބަދަލުވެގެންދިޔައީ އެތަކެއް ބަޔަކަށް ބިރާއި ނާމާންކަން ކުރިމަތިކުރުވި "ހިތާމަވެރި" ދުވަހަކަށެވެ. ދިވެހިން އެއްމެ ލޯބިވާ މޫދާއި ކަނޑުގެ ސަބަބުން ދިވެހިންނަށް ބޮޑެތި އެތައް ގެއްލުންތަކެއް ލިބުނު ދުވަހެކަށެވެ.

2004ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިންޑޮނީޝިޔާގެ އުތުރު ސުމަޓްރާގެ ހުޅަނގު އައްސޭރިފަށުގެ ސަރަހައްދާއި ގާތުން، ރެކްޓަ މިންގަނޑުން 9.1ގެ ބާރުމިނުގެ ބިންހެލުމެއް އުފެދުނެވެ. އާއްމުގޮތެއްގައިވެސް ބިންހެލުންތައް އަންނަ މި ސަރަހައްދަށް އައި މި ބާރުގަދަ ބިންހެލުމުން ކަނޑުގައި ބިޔަ އުސް ރާޅުތަކެއް އުފެދުނެވެ. މި ރާޅުތައް ކަނޑުގައި ދަތުރުކުރަމުން ދިޔައިރު، ދިވެވެހިރާއްޖެ ވެސް ހިމެނިގެން ގޮސްފައިވަނީ މި ރާޅުތަކުގެ މަންޒިލްތަކުގެ ތެރެއިން، ނިކަމެތި މަންޒިލަކަށެވެ.އިންޑޮނީޝިޔާއަށް އައި އެ ބިންހެލުމުގެ ލޮޅުމުގެ ކުޑަ އިހުސާސެއް ދިވެހިރާއްޖެއަށް އޭރު އިހުސާސްކުރެވުނުކަމަށްވެސް ބުނެއުޅުނެވެ . އެ ބިންހެލުމުން އުފެދުނު ރާޅުތައް ރާއްޖޭގެ ގިނަ ރަށްތަކަށް އަރަން ފެށިކަމަށް ރެކޯޑްކުރެވިފައިވަނީ ގާތްގަނޑަކަށް އެދުވަހުގެ ހެނދުނު 9:20 ގައެވެ.

ސުނާމީ ރާޅު އައިސް އެރުމާއިއެކު، ގިނަ ރަށްރަށުގެ ގެދޮރު ވިރާނާވެ، އެތައް ބައެއްގެ ހިޔާވަހިކަން ގެއްލިގެން ދިޔައެވެ. ރަށްރަށުގައި ތިބި މީހުންގެ އަގުހުރި މުދާތައް ލޮނަށް ޣަރަގުވެ، އެތައް ބައެއްގެ ދިރިއުޅުމުގެ އަސާސްތައް ވެއްޔާ އެކުވެގެން ދިޔައެވެ. މަސްވެރިންގެ އޮޑިދޯނިފަހަރު ހަލާކުވެ، އެ މީހުންގެ ދިރިއުޅުމުގެ މައިގަނޑު މަސައްކަތް، ވީރާނާވެ ދިޔައެވެ. މި ހިތްދަތި ވަގުތުތަކުގައި، އެތައް ބަޔަކު ލޮލުން ކަރުނަ އޮހޮރުވަމުން، އެމީހުންގެ ލޮބުވެތި ޢާއިލާގެ މެންބަރުންނާއި ރައްޓެހިން ހޯދަން އުޅުނު މަންޒަރު ދުށް މީހުންނަށް އަދިވެސް އެ ހަނދާން އާވާނެއެވެ.

މި ބޮޑު ހިތާމައިގެ ތެރެއިންވެސް ދިވެހިންގެ އެއްބައިވަންތަކަމާއި ވަރުގަދަކަން ފާޅުވެގެން ދިޔައެވެ. ގެދޮރު ގެއްލުނު މީހުންނަށް ވަގުތީ ހިޔާވަހިކަން ހޯދައިދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރިއެވެ. ކާބޯތަކެއްޗާއި ފެން ފަދަ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް އެކަކު އަނެކަކަށް އެހީތެރިވިއެވެ. ބޭރުގެ އެހީދޭ ޖަމާޢަތްތަކުންވެސް ދިވެހިރާއްޖެއަށް އެހީތެރިކަމުގެ އަތް ދިއްކޮށްލިއެވެ.

މީހުން ދިރިއުޅޭ 199 ރަށުގެ ތެރެއިން 190 ރަށަށް ސުނާމީގެ ސީދާ އަސަރު ކުރިއެވެ. މިކާރިސާއިން ސީދާ ލިބުނު ގެއްލުންތަކުގެ އަގު 24.75 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. ދަނޑުވެރިކަން ކުރާ ބިންތަކުގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ބިމަށް ލޮނުގަނޑު ވަދެ ހަލާކުވެގެން ދަނޑުވެރިކަމުގެ ދާއިރާއަށް 6.46 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުން ލިބުނެވެ. ޖުމްލަ 315 ސުކޫލުގެ ތެރެއިން 116 ސުކޫލަށް އަސަރުކޮށް، ސިއްހީ ދާއިރާއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. މިގޮތުން، އެއް ރީޖަނަލް ހޮސްޕިޓަލަކާއި، ދެ އަތޮޅު ހޮސްޕިޓަލަކާއި، 19 ސިއްހީ މަރުކަޒާއި، 21 ހެލްތު ޕޯސްޓް ހަލާކުވެ، 12 މިލިއަން އެމެރިކާ ޑޮލަރުގެ މުދަލުގެ ގެއްލުން ސިއްހީ ދާއިރާއަށް ލިބުނެވެ. ޖުމްލަ 5,215 ގޯތިގޭގެ މަރާމާތު ބޭނުންވި އިރު، 2,879 ގޭގެއަށް އަލުން ބިނާކުރުން ޖެހުނެވެ. 87 ރިސޯޓުގެ ތެރެއިން 21 ރިސޯޓު ބަންދުކުރަން ޖެހުނުއިރު، ހަ ރިސޯޓަކަށް ބޮޑެތި ގެއްލުންވެ އަލުން ބިނާކުރަން ޖެހުނެވެ.

ޤައުމީ ރިކަވަރީ އަދި ރިކޮންސްޓްރަކްޝަން ޕްލޭން  ގައި ލަފާކުރި ގޮތުގައި ރިސޯޓުތަކަށް ލިބުނު 100 މިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުންތައް ނުހިމަނާ، ޖުމްލަ 393 މިލިއަން އެމެރިކާ ޑޮލަރު އަލުން ބިނާކުރުމަށް ބޭނުންވިއެވެ. ހަމައެކަނި އިންފްރާސްޓްރަކްޗަރ އަލުން ބިނާކުރުމަށް 390 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެކަމަށް ލަފާކުރެވުނެވެ. މިކާރިސާއިން 82 މީހުންގެ ފުރާނަ ގޮސް 26 މީހުން ގެއްލިފައިވާއިރު، 15,000 އަށްވުރެ ގިނަ މީހުން ވަޒަންވެރިކަމުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހުނެވެ. ތިން ލައްކައަށްވުރެ މަދު އާބާދީއެއް އޮތް ޤައުމަކަށް މިއީ އިންތިހާއަށް ބޮޑު ގެއްލުމެކެވެ.

ސުނާމީގެ ސަބަބުން ދިވެހިރާއްޖޭގެ ބަލިކަށިކަން ހާމަވެ، ކާރިސާތަކަށް ތައްޔާރުވުމުގެ ނިޒާމުތަކުގެ ބޭނުންތެރިކަން ފާހަގަވެގެން ދިޔައެވެ. ނަމަވެސް މިކާރިސާއަކީ ހަމައެކަނި ގޯތިގެދޮރާއި އިންފްރާސްޓްރަކްޗަރ އަލުން ބިނާކުރުމުގެ ފުރުސަތަކަށް ނުވެ، ޤައުމީ ހިތްވަރާއި އެއްބައިވަންތަކަން އާލާކުރުމުގެ ފެށުމަކަށް ވެގެން ދިޔައެވެ. ސަރުކާރުން ޤައުމީ ކާރިސާގެ ހާލަތު އިޢުލާނުކޮށް، ޓާސްކް ފޯސްއެއް އުފައްދާ، ތާރީޚުގައި ފުރަތަމަ ފަހަރަށް ޤައުމީ ކާރިސާ ބަލަހައްޓާ މަރުކަޒު  ޤާއިމުކުރިއެވެ. މިއީ ކުރު މުއްދަތުގެ ހާލަތުން އަރައިގަތުމަށާއި، ދިގު މުއްދަތުގެ ކާރިސާ ރައްކާތެރިކަމުގެ އިންތިޒާމުތައް ހަރުދަނާކުރުމަށް އަޅާފައިވާ ބިންގަލެކެވެ. ބައިނަލްއަޤްވާމީ އެހީތެރިކަން ފެންނަން ފެށިއިރު، ރައްޔިތުން އެކުވެގެން ބޭނުންޖެހިފައިވާ ފަރާތްތަކަށް ވަގުތީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރިއެވެ. މިހެންކަމުން، ސަރުކާރުން 2004 ވަނަ އަހަރުގެ ސުނާމީގެ ހާލަތުގައި ދިވެހި ރައްޔިތުންގެ ފަރާތުން ފެނުނު ޤައުމީ އެއްބައިވަންތަކަމާއި އެކުވެރިކަން ފާހަގަކުރުމުގެ ގޮތުން ޑިސެމްބަރު މަހުގެ 26 ވާ ދުވަހަކީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ކަނޑައެޅިއެވެ. ކާރިސާއިން ލިބުނު ތަޖުރިބާގެ އަލީގައި، މިއަދު ދިވެހިރާއްޖެ ވަނީ ކާރިސާތަކަށް ތައްޔާރުވުމުގެ ގޮތުން ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައެވެ. ރަށްރަށުގައި ސަލާމަތީ މަރުކަޒުތައް ޤާއިމުކުރެވި، ކާރިސާތަކާ ގުޅޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގެމުންދެއެވެ. މީގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވެމުންދެއެވެ.

2004 ވަނަ އަހަރުގެ ސުނާމީއަކީ ދިވެހި ތާރީޚުގެ ފޮތުން ދުވަހަކުވެސް ފިލައިގެން ނުދާނެ ހިތާމަވެރި ހާދިސާއެކެވެ. ނަމަވެސް މިކާރިސާއިން އަޅުގަނޑުމެންނަށް ލިބިދިން އެންމެ ބޮޑު ފިލާވަޅަކީ، ގުދުރަތީ ކާރިސާތަކުގެ ކުރިމަތީގައި ޤައުމީ އެއްބައިވަންތަކަމާއި ހިތްވަރާއެކު ދެމިތިބެ، އަޅުގަނޑުމެންގެ ޤައުމު އަލުން ބިނާކޮށް، މުސްތަޤުބަލަށްޓަކައި ބޮޑެތި ފިލާވަޅުތަކެއް އުނގެނި، ތައްޔާރުވުމުގެ މުހިންމުކަމެވެ.

ސުނާމީ ކާރިސާގައި ކަނޑާއި މޫދުގެ ރާޅުތަކުން ފެނުނު މި ބިރުވެރިކަމަކީ މީގެކުރިން ދިވެހިން ދެކެފައި ނުވާފަދަ ކަމެކެވެ. އެހެންކަމުން އެފަދަ ކަމަކަށް ދިވެހިންނަށް، ކުޑަކޮށްވެސް ތައްޔާރުވެވިފައިވެސް ނެތެވެ. ނަތީޖާއެއްގެ ގޮތުން ބައެއް ރަށްރަށަށް ވަރަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހުނެވެ. އަދި ބައެއް ފަރާތްތަކަށް ބޮޑެތި އަނިޔާތައް ލިބި، އެތަކެއް ބަޔަކު ލޯބިވާ މީހުންނާއި އަލްވަދާއު ކިޔަން ޖެހުނެވެ. މީގެ އިތުރުން، ވީނުވީއެއް ނޭނގި އެތަކެއް ދިވެހިންނެއް ވަނީ ކަނޑުގެ ރާޅުތަކުގެ ތެރެއަށް ގެއްލިފައެވެ.

ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ ފުރަތަމަ ގައުމީ ރޯޑްމެޕް ތަރައްގީކޮށްފައިވާ ގައުމެކެވެ. މިއީ ޚާއްސަކޮށް ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތައް (ސިޑްސް) ތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ތައްޔާރުވުމުގައި ދިވެހިރާއްޖޭގެ ލީޑަރޝިޕް ފާޅުކޮށްދޭ ކަމެކެވެ. 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެންޓިގުއާ އެންޑް ބާބޫޑާގައި ބޭއްވުނު ސިޑްސް ގެ 4 ވަނަ ކޮންފަރެންސްގައި މި ލީޑަރޝިޕް އިތުރަށް ފާޅުވެގެންދިޔައެވެ.  ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މޫސުމީ ބަދަލުތަކާ ގުޅިގެން ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމަށާއި އަދި ކުރިމަތިވެދާނެ ކާރިސާތަކުން ރައްކާތެރިވުމަށް އަވަސް އިންޒާރުގެ ނިޒާމްތައް ހުރިހާ ގައުމަކަށް ހަމަހަމައަށް ލިބޭނެގޮތް ހެދުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ވާހަކައަކީ ހަމައެކަނި ފިނޑިކަމާއި ކަންބޮޑުވުންތަކުގެ ވާހަކައެއް ނޫނެވެ. އެއީ ރައްޔިތުންނާއި، ދިރިއުޅުމާއި ، ސަގާފަތް ދިފާޢުކުރުމަށްހުރި ޢަޒުމުގެ ވާހަކައެއްގެ އިތުރުން، ކަނޑުތަކާއި އެއްގަމުގައިވާ ތަފާތު ދިރުންތައް ރައްކާތެރިކުރުމުގެ ވާހަކައެކެވެ.މީގެ އިތުރުން، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުނު ސަމިޓް އޮފް ދަ ފިއުޗަރ އަދި އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހިރާއްޖޭގެ އިސް ވަފުދެއްގެ އިސްކަންދެއްވާ، މޫސުމީ ބަދަލުތަކުން ކުރިމަތިވާ ހިރާސްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭނެ. މިއީ މިހާރުގެ ޖީލުތަކާއި ކުރިއަށް އޮތް ޖީލުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ. މިލްޓިލޭޓަރަލް ނިޒާމުން ޙަޤީޤީ ނަތީޖާތަކެއް ނެރޭނެ ވަގުތު މިވަނީ ޖެހިފައި.

ރައީސުލްޖުމްހޫރިއްޔާ 

މޫސުމީ ބަދަލުތަކާ ގުޅިގެން މުޅި ދުނިޔޭގެ ޒުވާނުންގެ ގާތްގަނޑަކަށް 62% އަށް ކުރިމަތިވާ ނަފްސާނީ ކަންބޮޑުވުންތަކުގެ މައްސަލައަށް ވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލައްވާ، މި ހިރާސްތަކާ ކުރިމަތިލުމަށް ބައިނަލްއަޤްވާމީ އެއްބައިވަންތަކަމަށް ގޮވާލެއްވިއެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ކާރިސާތަކަށް ތައްޔާރުވުމުގެ ސްޓްރެޓެޖީގެ މުހިންމު ދާއިރާއެއްގެ ގޮތުގައި ޒުވާނުންގެ ބައިވެރިވުން ވަނީ އިސްކުރެވިފައެވެ. މިކަމުގެ މިސާލެއްގެ ގޮތުން، 2024 ވަނަ އަހަރު ނިއުޔޯކްގައި ބޭއްވުނު ވޯލްޑް ސުނާމީ އަވެއާނަސް ޑޭގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް އެންޑީއެމްއޭ އިން ބައިވެރިވި މިސް އައިޝަތު ޝައްމާގެ ބައިވެރިވުން ފާހަގަކޮށްލެވެއެވެ.

އޭނާގެ މަސައްކަތަށް އަލިއަޅުވާލައްވަމުން ޝައްމާ ވިދާޅުވިއެވެ:

އަޅުގަނޑުމެންނަށް އެ ބިރުވެރި ދުވަސް ކުރިމަތިވި އިރުގެ ދިވެހިރާއްޖެއާ މިހާރުގެ ދިވެހިރާއްޖެ މުޅިން ތަފާތު. އަޅުގަނޑުމެން ރަށްތައް އަލުން ބިނާކޮށްފިން، ނަމަވެސް މިހާރު އަޅުގަނޑުމެންނަށް މޫސުމީ ބަދަލުތަކާ ގުޅިގެން އާ ގޮންޖެހުންތަކެއް ކުރިމަތިވެފައިވޭ. އަޅުގަނޑުގެ މަސައްކަތަކީ، ކާރިސާތަކަށް ތައްޔާރުވެފައިވާ، ހިތްވަރުގަދަ  ކޮމިއުނިޓީތަކެއް ބިނާކުރުން.

ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ދިވެހިރާއްޖެއަށް ދުނިޔޭގެ މޫސުމީ ބަދަލުތަކުގެ އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވަނީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި، އަތޮޅުތަކުގެ ގޮނޑުދޮށް ގިރުމާއި ހަލާކުވުމާއި، އަދި މޫސުމަށް އަންނަ  ބަދަލުތަކުގެ ސަބަބުންނެވެ. އެހެންނަމަވެސް، 2004 ވަނަ އަހަރުގެ ސުނާމީގެ ހާދިސާއިން ލިބުނު ފިލާވަޅުތަކުގެ ސަބަބުން، ދިވެހިރާއްޖެއަށް ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލުމަށް، އަދި އައު އީޖާދީ ގޮތްތަކާއި ހިތްވަރާއެކު މި ގައުމުގެ މުސްތަގުބަލު ރައްކާތެރިކުރުމަށް ވަނީ އިތުރު ޢަޒުމެއް ލިބިފައެވެ.

ސުނާމީއަށް 21 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ދިވެހިރާއްޖެއިން ވަނީ އެ ހާދިސާގައި ދިރިއުޅުން ގެއްލުނު ފަރާތްތަކުގެ ހަނދާން އާކޮށް، ގައުމުގެ ހިތްވަރާއި ކުޅަދާނަކަން ފާހަގަކޮށްފައެވެ. ހަލާކުވެފައިވާ ހާލަތަކުން އަލުން ބިނާވުމަށް ދިވެހިރާއްޖެ ކުރި މި ދަތުރަކީ، ގުޅިފައިވާ ބާރާއި، އީޖާދީ ގޮތްތަކާއި، އަދި ޢަޒުމުގެ ހެކިބަހެކެވެ. މިއީ އެންމެ ބަލިކަށި ގައުމުތަކަށް ވެސް ހިތްވަރާއި ކުޅަދާނަކަން ބިނާކުރެވޭނެކަމުގެ ރިވެތި މިސާލެކެވެ.

ސުނާމީގެ ރާޅުތައް ދިވެހި ފަސްގަނޑުން ފައިބާގެން ދިއުމުން ދެން ކުރިމަތިލާން ޖެހުނު ވިލުންވެރިކަމުގެ މަރުހަލާ އަކީ ދިވެހިންގެ އެއްބައިވަންތަކަށް މުޅި ދުނިޔެއަށް ދައްކުވައިދިން ކަމެކެވެ. އެތައް ބަޔަކު ހާލުގައި ޖެހި، ގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ދިމާވިއިރު، ތަރައްގީގެ ސަފުގައި ދިވެހިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކެއް ފަހަތަށް ޖެހިގެންދިޔައެވެ. މި ހިތްދަތިކަމާއި މާޔޫސްކަމުގައިވެސް ދިވެހިންގެ އެކުވެރިކަމާ އެއްބައިވަންތަކަން ދައްކައި، ގައުމީ ރޫހުގައި ކުރިއަރައިގޮސް ގައުމު އާރާސްތުކުރުމުގެ ވަރުގަދަ ޖިހާދު ދިވެހިން ފެށީ، މުޅި ދުނިޔެއަށް މިސާލު ދައްކަމުންނެވެ. ވީ މިންވަރަކުން އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދީ، ގައުމު ކޮޅަށް ޖަހައި ނެގެހެއްޓުމުގައި ބައިވެރިވިއެވެ. ވަކި ވަކި ކުދި ކުދި ރަށްރަކެއްގައި ދިވެހިން ތިއްބެއްކަމަކު އެ ބިރުވެރި "ބޮޑުރާޅު" ވެގެންދިޔައީ ހައްސާސީ ދަނޑިވަޅެއްގައި ދިވެހިން އެއްބައިވަންތަކުރުވި ކަމަކަށެވެ.

ސުނާމީގެ އެ ނާމާން ބިރުވެރިކަމަށް މިއަދު 21 އަހަރު ފުރިއްޖެއެވެ. އެ ހަނދާންތައް އަދިވެސް ގިނަބަޔެއްގެ ހިތުގެ ތެރޭގައި ގަދައަށް ބިންވަޅު ނެގިފައި އެބަހުއްޓެވެ. އެފަދަ ދުވަހެއް ދެން އަލުން ތަކުރާރު ނުވާން ހިތާހިތުން ކޮންމެ އަފްރާދަކުވެސް އެދޭނެއެވެ. އެހެނަސް، އެފަދަ ކޮންމެ ނިޔާ އަކީ އެކަމުގެ އާރާ ބާރު ފުރިހަމައަށް މިލްކުވެ ވޮޑިގެންވާ މާތް ﷲ ގެ ހަޟްރަތުގައި މެނޫނީ ވާނޭ ނިޔާއެއް ނޫނެވެ. މިފަދަ ބިރުވެރި ނާމާން ކަންކަމުން ރައްކާތެރިކަން އެދި އަބަދުވެސް އެކަލާންގެ ހަޟްރަތުގައި ދުޢާ ކުރާށެވެ. އަޅުގަނޑުމެންގެ ދުޢާ އަކީވެސް މިފަދަ ބިރުވެރި ހާދިސާތަކާއި ނާމާން ކާރިސާތަކުން ދިވެހިން ރައްކާތެރިވުމެވެ. މާތް ﷲ އަޅަމެންނަށް އަމާންތަކެއް ކަމުގައި ކަނޑުތައް ލައްވާށި! އާމީން.

                    

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450