ކުޅިވަރު
މުބާރާތުގެ ކުރިން ޤައުމީ ފުޓުސަލް ޓީމު ޗައިނާގައި ކޭމްޕު ކުރުމަށް ހަމަޖެހިއްޖެ
ޤައުމީ ފުޓުސަލް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން / ފޮޓޯ: އެފްއޭއެމް
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން މުޅިން އަލަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ޤައުމީ ފިރިހެން ފުޓްސަލް ޓީމު މި ހަފްތާގައި ޗައިނާގައި ކޭމްޕު ކުރުމަށް ހަމަޖެހިއްޖެއެވެ.
ތައިލޭންޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ކުރިން މި ޓީމު ޗައިނާގައި ކޭމްޕު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އިންޑޯ ދަނޑެއްގައި ކުޅުމުގެ ފުރުސަތު ހޯދުމެވެ. އެއީ މުބާރާތް ކުޅޭނީ އިންޑޯގައި ކަމަށް ވުމުންނެވެ. ޤައުމީ ޓީމުގެ ކޯޗު، އުޒްބެކިސްތާނުގެ ފާރޫކް ޒަކިރޯވް ވަނީ ފަރިތަކުރުންތައް ފެށި ދުވަސްކޮޅު، އެކަމުގެ މުހިންމުކަމަށް އަލިއަޅުވާލާފައެވެ.
މި މަހުގެ 30ވަނަ ދުވަހު މި ޓީމު ޗައިނާއަށް ފުރަން ހަމަޖެހިފައިވާއިރު، މި ކޭމްޕުގައި 17 ކުޅުންތެރިއަކު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ތަމްރީނުތަކަށް ފަހު 14 ކުޅުންތެރިންނަށް ސްކޮޑު ކުޑަކުރާނެ ކަމަށް ވަނީ މަޢުލޫމާތު ދީފައެވެ. އަދި މި ތަމްރީނަށްފަހު ޓީމު ތައިލެންޑަށް ދާނީ މާލެ ނައިހެވެ.
ތައިލޭންޑްގައި ބާއްވާ މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ޕާކިސްތާނާއި ދެކޮޅަށް ނިކުންނާނީ 14 ޖެނުއަރީގައެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިޔަށް ގެންދާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 14-26 ޖެނުއަރީއަށް ބެންކޮކްގެ ނޮންތްބުރި ސްޓޭޑިއަމްގައެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026ގައި ރާއްޖޭގެ މެޗުތައް ތާވަލުކޮށްފައިވާ ގޮތް:
- 14 ޖެނުއަރީ 2026: ރާއްޖެ – ޕާކިސްތާން
- 16 ޖެނުއަރީ 2026: ރާއްޖެ – ބަނގުލަދޭޝް
- 20 ޖެނުއަރީ 2026: ރާއްޖެ – އިންޑިއާ
- 22 ޖެނުއަރީ 2026: ރާއްޖެ – ނޭޕާލް
- 26 ޖެނުއަރީ 2026: ރާއްޖެ - ސްރީލަންކާ
ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން އެންމެ ފަހުން ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރީ ސެޕްޓެމްބަރު 2025 ގައި މިޔަންމާގައި އޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައެވެ. އެ މުބާރާތުގައި ރާއްޖެއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެހެންނަމަވެސް މިފަހަރު ރާއްޖޭން ރަނގަޅު ހިސާބަކަށް ދާނެކަމުގެ އުންމީދު އެބައޮތްކަމަށް ކޯޗު ވަނީ ފާހަގަކޮށްފައެވެ.