ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރު ބަނގުލަދޭޝްގައި ބޭއްވުމަށް އެއްބަސްވެއްޖެ

ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރު ބަނގުލަދޭޝްގައި ބޭއްވުމަށް އެއްބަސްވެއްޖެ

2021ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކުޅުންތެރިންނާއި ސަޕޯޓަރުން އުފާފާޅުކުރަނީ / ފޮޓޯ: ޤައުމީ ފުޓުބޯޅަ ޓީމް

farudhun logo

ފަރުދުން

28 ޑިސެމްބަރު 2025، 08:47

28 ޑިސެމްބަރު 2025، 08:47

މި އަހަރު ބޭއްވުމަށް މަސައްކަތްކުރަމުންދިޔަ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރު ބަނގުލަދޭޝްގައި ބޭއްވުމަށް ސާކް ޤައުމުތަކުން އެއްބަސްވެއްޖެއެވެ.

ބަނގުލަދޭޝްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މުބާރާތް އެ ޤައުމުގައި ބޭއްވުމަށް ސްރީ ލަންކާއިން ވެސް މިހާރު ވަނީ އެއްބަސްވެފައެވެ. ސްރީ ލަންކާއަކީ މި ފަހަރުގެ މުބާރާތް ބޭއްވުމަށް ބޭނުންވެގެން އެ ކަމަށް އެންމެ ބޮޑަށް މަސައްކަތްކުރި ޤައުމެވެ. ނަމަވެސް އެ ޤައުމުގައި މުބާރާތް ކުރިޔަށް ނުގެންދެވުނީ، އެ ޤައުމުގައި މުބާރާތް ބާއްވާނަމަ ސްޕޮންސަރުން ލިބުމަށް ދަތިވުމާއި މުބާރާތުގެ ފޯމެޓާ މެދުގައި އެއްބަސްނުވެވުމުންނެވެ.

ދެ އަހަރުން އެއް އަހަރު ބާއްވަމުންދާ ސަރަޙައްދީ އެންމެ ވާދަވެރި މުބާރާތް މި އަހަރު ބޭއްވުމަށް ސާކުގެ ނުފޫޒު ގަދަ ގައުމުތަކުން ބޭނުންވީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ މިއީ ސްޕޮންސަރުން ހިތްހަމަ ޖެހުނު ކަމެއް ނޫނެވެ. އެހެންކަމުން މުބާރާތް ކުރީގެ ފޯމެޓަށް އެއް ޤައުމެއްގައި ކުޅެން ސާފުން ވިސްނީ ވެސް ސްޕޮންސަރުން އެ ގޮތަށް ބޭނުން ވުމުންނެވެ.

ބަނގުލަދޭޝްގެ މީޑިއާތަކުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މުބާރާތް ކުޅޭނީ އަންނަ އަހަރުގެ ޖޫން ނުވަތަ ޖުލައި މަހުއެވެ. އަދި ރަސްމީކޮށް މިކަން ނިންމައި، ކުރިއަށް އޮތް އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ސާފްއިން މިކަން އިޢުލާނު ކުރާނެކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. 

މި މުބާރާތް މީގެ ކުރިން ތިން ފަހަރެއްގެ މަތީން ވަނީ ބަނގްލަދޭޝްގައި ބާއްވައިފަ އެވެ. އެއީ 2003 އާއި 2009 އަދި 2018ގައެވެ.

15ވަނަ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ރާއްޖެއިން މި މުބާރާތް ވަނީ 2 ފަހަރު ކާމިޔާބުކޮށްފައެވެ. އެއީ 2008ވަނަ އަހަރާއި 2018ވަނަ އަހަރެވެ. މުބާރާތް ދެ ފަހަރު ރާއްޖޭގައި ވެސް ވަނީ ބާއްވައިފައެވެ. އެއީ ލަންކާއާ ބައިވެރިވެގެން 2008ގައި ބޭއްވި މުބާރާތާއި، އޭގެ ފަހުން ފަސް ގައުމާއެކު 2021ގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450