ކުޅިވަރު
އެފް.އޭ.އެމްގެ 14 އަހަރުން ދަށުގެ މުބާރާތުގައި ބައިވެރިވުމަށް އެކަޑަމީތަކަށް ހުޅުވާލައިފި
އެފްއޭއެމް ޔޫތު ލީގު 2022ގައި މާޒިޔާއިން ގޯލެއް ޖެހުމަށްފަހު އުފާފާޅުކުރަނީ---
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބާއްވާ "އެފްއޭއެމް 14 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް 2026" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ އެކަޑެމީތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 06 ފެބްރުއަރީ 2026 ވަނަ ދުވަހުކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.
އެފްއޭއެމް 14 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް 2026 ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައި ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ އެކަޑެމީތަކުގެ އިތުރުން އެފްއޭއެމްގެ އެކަޑަމީ އެކްރިޑިއޭޝަން ކްރައިޓީރިއަ ފުރިހަމަ ކޮށްފައިވާ އެކަޑެމީތަކަށެވެ.
މީގެ އިތުރުން މުބާރާތުގައި ބައިވެރިވުމަށް ބޭނުންވެ، އެކަމަށް އެދޭ އެކަޑަމީއަކީ އެ ކްރައިޓީރިއާ ފުރިހަމަ ނުވާ އެކަޑެމީއެއް ނަމަ، ކަންކަން ފުރިހަމަ ކުރަން މުއްދަތެއް ދޭނެ ކަމަށް އެފްއޭއެމްގެ ބަޔާނެއްގައި ބުނެފައިވެއެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ އެކަޑެމީތަކުން، އެފްއޭއެމްއިން ގެޒެޓް ކޮށްފައިވާ އިޢުލާންގައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު އަންނަ ޖެނުއަރީ މަހު 11 ވަނަ ދުވަހު ދުވަހުގެ 15:00ގެ ކުރިން [email protected] އީމެއިލް މެދުވެރިކޮށް އެފްއޭއެމްއަށް ހުށަހަޅަންވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.
އެފްއޭއެމްގެ ބަޔާނުގައި ބުނީ، މިއީ ޔޫތު ޑިވެލޮޕްމެންޓު ޕްރޮގްރާމްގެ ތެރެއިން، ކުޅުންތެރިންގެ ފަންނީ ޤާބިލްކަމާއި، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މުބާރާތެއް ކަމަށެވެ.