ވިޔަފާރި / ޚަބަރު
ކުރިއަށް އޮތް ދެ އަހަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ ލުއިތަކެއް!
ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ކުރިއަށް އޮތް ދެ އަހަރު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ ލުއިތަކެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އެގޮތުން، އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތްތައް ސަރުކާރުން ފަށްޓަވާނެކަމަށް އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އެ ވުޒާރާއިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއެކު، މި މަހުގެ 17 ވަނަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައި، ވިޔަފާރިވެރިން ފާހަގަކުރައްވާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން، މާލެ ސަރަޙައްދާއި، ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ސްޓޯރޭޖް ފެސިިލިޓީތައް ޤާއިމްކޮށް، ހެޔޮ އަގުގައި މުދާ ރައްކާކޮށް، ގުދަންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންގެންދާނެކަމަށެވެ.

މީގެ އިތުރުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، (އެމް.ޕީ.އެލް)އިން މުދާ ކްލިއަރ ކުރުން މިހާރަށްވުރެ އަވަސް ކުރުމާއި، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ މުދާ އުފުލާ އުޅަނދުފަހަރުގެ ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމުގެ ގޮތުން އެކަންކަން އެ ވުޒާރާއިން ގާތުން ބަލަމުން ގެންދާނެކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފަ އެވެ. ހަމަ އެއާއެކު، ދިވެހިންނާއި ވާރކް ޕާމިޓް ހޯލްޑަރުން ބައިތިއްބުމަށް ޙާއްޞަކޮށްގެން ހިންގާ ކޮޓަރި ކުއްޔަށްދޭ ވިޔަފާރިތައް ރަޖިސްޓްރީކޮށް، ކޯޓާ ލިބުމުގައި ދިމާވާ ދަތިތައް މިހާރު ޙައްލުކުރެވިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނީ، ކުދި އަދި މެދުފަންތި ހިމެނޭގޮތަށް ހުރިހާ ފަންތިއެއްގެ ވިޔަފާރިއެއްވެސް ކުރިއެރުވުމަށްކަމުގައެވެ.