ވިޔަފާރި
ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް 281 މިލިއަންގެ ފައިދާއެއް ލިބިއްޖެ
އެސްޓީއޯ---
މި އަހަރުގެ ތިންވަނަ ކުއާޓާގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ސާފު ފައިދާގެ ގޮތުގައި 281 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯއިން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، ޓެކްސްއަށް ކެނޑުމަށް ފަހު އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް އެއް ޕަސެންޓް އިތުރުވެފައެވެ. ނަމަވެސް، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 286 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މި އަހަރުގެ ތިންވަނަ ކުއާޓާގައި އެސްޓީއޯއަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.5 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ހަތް ޕަސެންޓުގެ ދަށްވުމެކެވެ. މިއަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެސްޓީއޯއިން ބުނި ގޮތުގައި އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް އައި ބަދަލުތަކާ ގުޅިގެން މި ކުއާޓަރުގައި ތެލުގެ އަގު ދަށްވުމެވެ. ނަމަވެސް، އަގު ދަށްވި ނަމަވެސް މި މުއްދަތުގެ ތެރޭގައި ތެޔޮ ވިކުނު ޖުމްލަ އަދަދު ވަނީ ކުރީ ކުއާޓަރާ އަޅާބަލާއިރު އިތުރުވެފައެވެ.
މީގެ އިތުރުން، މި އަހަރުގެ ތިންވަނަ ކުއާޓާގައި އެސްޓީއޯގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 400 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 23 ޕަސެންޓުގެ ބޮޑު ކުރިއެރުމެކެވެ.
ހިންގުމުގެ ފައިދާ މިހާ ބޮޑަށް އިތުރުވި މައިގަނޑު ސަބަބެއް ކަމަށް އެސްޓީއޯއިން ފާހަގަކުރަނީ، އެ ކުންފުނީގެ މެޑިކަލް ސެގްމަންޓް ރީސްޓްރަކްޗާ ކުރުމާ ގުޅިގެން ހަރަދުތައް ކުޑަކުރެވިފައިވުމާއި، ޖުމްލަ ގޮތެއްގައި ކުންފުނީގެ އެހެނިހެން ހިންގުމުގެ ހަރަދުތައް ވެސް އެކަށީގެންވާ މިންވަރަކަށް ކުޑަކުރެވިފައި ވުމެވެ.