ވިޔަފާރި / ޚަބަރު
ޤައުމީ އެއަރލައިންގެ އޮފީހެއް ބެއިޖިންގައި ހުޅުވައިފި
މޯލްޑިވިއަންގެ އޮފީހެއް ޗައިނާގައި ހުޅުވުން---
ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، ޗައިނާގެ ވެރިރަށް ބެއިޖިންގައި އެ ކުންފުނީގެ އައު އޮފީހެއް ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ މޯލްޑިވިއަންގެ ދަތުރުތަކާއި ޚިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ހަރުދަނާކުރުމަށް އެޅުނު ބޮޑު ކުރިއެރުމެއް ކަމަށް އެ އެއަރލައިނުން ބުނެއެވެ.
ބެއިޖިންގައި މޯލްޑިވިއަންގެ އޮފީސް ހުޅުވުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އޮފީސް ހުޅުއްވައިދެއްވީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) ގެ ޗެއާމަން އަޙުމަދު ޝަފީޢު އާއި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސް އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމުގެ އިތުރުން ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބެވެ.
މި އޮފީސް ހުޅުވުމުގެ ސަބަބުން ޗައިނާގެ މާކެޓުގައި މޯލްޑިވިއަންގެ ހަރަކާތްތައް އިތުރަށް ވަރުގަދަވެ، އެ ޤައުމުގައި ތިބި ވިޔަފާރި ބައިވެރިންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް މޯލްޑިވިއަންއިން ފާހަގަކުރެއެވެ. އަދި ކަސްޓަމަރުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
https://t.co/yLfKP2K1U8
— MaldivianAero (@MaldivianAero) October 26, 2026
މިފަދަ އޮފީހެއް ޗައިނާގައި ހުޅުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް ހަރުދަނާކޮށް، ވައިގެ ދަތުރުފަތުރުގެ ގުޅުންތައް އިތުރަށް ބަދަހިކޮށްދޭނެ ކަމެކެވެ. މީގެ ސަބަބުން ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ދަތުރުކުރާ ފަސިންޖަރުންނަށް ލުއިފަސޭހަތައް އިތުރުވެ، ދެ ޤައުމަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްވެސް މަގުފަހިވާނެ ކަމަށް މޯލްޑިވިއަންއިން މައުލޫމާތުދެއެވެ.
މޯލްޑިވިއަންއިން މިހާރުވެސް ޗައިނާގެ ތިން ސިޓީއަކަށް ދަތުރުކުރެއެވެ. އެއީ ބެއިޖިންގ، ޝަންހާއި އަދި ގުއަންޒޯއެވެ.
ޗައިނާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް މުހިއްމު މާކެޓެކެވެ. މިއަހަރުގެ މިހާތަނަށް ޖުމްލަ 327,531 ފަތުރުވެރިން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މި އަދަދަކީ ރާއްޖެއަށް އަންނަ މުޅި ފަތުރުވެރިންގެ 19 އިންސައްތައެވެ.