ޚަބަރު
ވިލުފުށީ ރޯހައުސްތަކަށް ކުރިމަތިލި މީހުންނަށް ޕޮއިންޓް ދީފި
ކޮޅުމަޑުލު ވިލުފުށި. ފޮޓޯ: ރާއްޖެ އެމްވީ
ތ. ވިލުފުށީގައި ސަރުކާރުން ތަރައްޤީކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ފޯމުތައް އިވެލުއޭޓްކޮށް، އެ ފަރާތްތަކަށް ލިބުނު ޕޮއިންޓް ޢާންމުކޮށްފިއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ގެޒެޓުގައި ޝާއިޢުކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ވިލުފުށީ ހައުސިންގ ޔުނިޓު ދޫކުރުމުގެ އުސޫލާ އެއްގޮތަށް ފޯމުތައް ވަނީ ވެރިފައިކޮށް ނިންމާފައެވެ. ފޯމު ހުށަހެޅި ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓް، ހިޔާވެހި ޕޯޓަލް މެދުވެރިކޮށް މިހާރު ބަލައިލެވޭނެއެވެ.
މި ޔުނިޓުތަކަށް އެދުމުގެ ފުރުޞަތު މިއަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ހުޅުވާލުމުން 200 އަށްވުރެ ގިނަ ފަރާތުން ވަނީ ކުރިމަތިލާފައެވެ. ފޯމުތައް ރިވިއުކޮށް ޕޮއިންޓް ދިނުމުގެ މަސައްކަތް ކޮށްފައިވަނީ އެ ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް، ވުޒާރާއާއި ވިލުފުށިން ހޮވާލެވުނު ޓީމެއް ހިމެނޭ ޚާއްޞަ ކޮމިޓީއަކުންނެވެ.
ލިބިފައިވާ ޕޮއިންޓާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ، ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އެކަން ހުށަހެޅުމުގެ ފުރުޞަތު ރަސްމީ 10 ދުވަހުގެ މުއްދަތަށް ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ނޮވެމްބަރު މަހުގެ 10ވަނަ ދުވަހުގެ 14:00 އެވެ. އެ މުއްދަތު ހަމަވުމަށްފަހު ނުވަތަ ޕޯޓަލް ފިޔަވައި އެހެން ވަސީލަތްތަކުން ހުށަހަޅާ ޝަކުވާތައް ބަލައިނުގަންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ހައުސިންގ ޔުނިޓު ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އިޢުލާނުކުރާނީ ޝަކުވާތައް ބަލައި ނިމުމަށްފަހުގައެވެ.
އުސޫލު ނަންބަރު G-34/2025 ގެ ދަށުން ކޮޅުމަޑުލު (ތ) ވިލުފުށީގައި ދޫކުރާ 100 (ސަތޭކަ) ހައުސިންގ ޔުނިޓަށް އެދި ހުށަހެޅި ފޯމުތަކުގެ ވެރިފިކޭޝަން ނިމި، ލިބިފައިވާ ޕޮއިންޓު ހިޔާވެހި ޕޯޓަލުން ބެލޭނެ ގޮތް ހަމަޖެހުމާ ގުޅޭ އިއުލާނު: https://t.co/03s0sJTpgb https://t.co/kiKKfh21GM
— Ministry of Infrastructure, Housing and Urban Dev. (@MIHUDmv) October 26, 2026
1000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ވިލުފުށީގައި 100 ރޯހައުސް އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ 2014ވަނަ އަހަރުގައެވެ. ނަމަވެސް ކޯޓު މަރުޙަލާތަކަކާ ގުޅިގެން 5 އަހަރު ދުވަހުގެ މެދުކެނޑުމެއް އައުމަށްފަހު، އެ މަސައްކަތް އަލުން ފެށުނީ 2019ވަނަ އަހަރުގައެވެ. އެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރި ހުރިހާ ރޯހައުސްތަކުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.