ވިޔަފާރި / ޚަބަރު

ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ދެމެހެއްޓެނިވި ޓައުންޝިޕް މަޝްރޫޢުގައި ސޮއިކޮށްފި

ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ދެމެހެއްޓެނިވި ޓައުންޝިޕް މަޝްރޫޢުގައި ސޮއިކޮށްފި

ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ދެމެހެއްޓެނިވި ޓައުންޝިޕް މަޝްރޫޢުގައި ސޮއިކުރުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 ޑިސެމްބަރު 2025، 02:44

31 ޑިސެމްބަރު 2025، 02:44

ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ދެމެހެއްޓެނިވި ޓައުންޝިޕް މަޝްރޫޢުގައި މިއަދު ސޮއިކޮށްފިއެވެ.

އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓްގެ އިންވެސްޓަރުނާއި ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. އަދި ކްރިސްޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޕެރަޓް ކްރިސްޓިކްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ނ. އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕް މަޝްރޫޢަކީ ރާއްޖޭގެ އިޤުތިޞާދީ ޙާލަތު ރަގަޅުކުރުމަށް ފަހިވެގެންދާ މުހިންމު ފުރުސަތެއްކަމުގައެވެ. އަދި މި ކުރިއެރުމާއެކު، ރާއްޖޭގައި އިންވެސްޓްކުރާނެ އިތުރު އިންވެސްޓަރުން ހޯދައި، އައު އިންވެސްޓުތައް ކުރުމަށް ބޮޑު ހިތްވަރަކަށް ވެގެންދާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި މި މަޝްރޫޢުގެ ސަބަބުން މުޅި ރާއްޖެއަށާއި، ދުނިޔޭގެ އިންވެސްޓަރުންނަށާއި ވަކިވަކި ފަރުދުންނަށް އާމްދަނީ ހޯދުމުގެ އާ މަގުތަކާއި އާ ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިފަދަ އިންވެސްޓްމަންޓްތަކުގެ ސަބަބުން، ވަޒީފާގެ ފުރުސަތުތައް އިތުރުވުމާއި، ތިމާވެށީގެ ރައްކާތެރިކަމާއި، 60 އިންސައްތަ އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން ފަދަ ކަންކަމުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް، ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ގެންގުޅުއްވާ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތަށް ލިބޭ ބޮޑު އެހީތެރިކަމެއް." ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކްރިސްޓަލް ހޯލްޑިންސްގެ ސީއީއޯ ވަނީ މިކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ދެއްވި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރާއްޖެއަކީ އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކޮށްދީފައިވާ ގައުމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކްރިސްޓަލް ހޯލްޑިންގްސްގެ ފަރާތުން ރާއްޖޭގައި ތަރައްޤީކުރާ ޓައުންޝިޕް މަޝްރޫޢު ނިންމާލުމަށް އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ. 790 މިލިޔަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިޔަން ރުފިޔާ އިންވެސްޓްކޮށްގެން ނ. އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕް ވާނީ ޒަމާނުގެ ވަޞީލަތްތަކާއި ސިފަތަކާއެކު އިންޑިއާ ކަނޑުގެ އިތުރަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭ ތަފާތު މަޝްރޫޢަކަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450