Ads by Stelco

ޚަބަރު

އުކުޅަހު ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި

އުކުޅަހު ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި

އުކުޅަހު ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް އިފްތިތާޙުކުރުން / ފޮޓޯ: ޞިއްޙީ ވުޒާރާ

farudhun logo

ފަރުދުން

02 ޖެނުއަރީ 2026، 04:12

02 ޖެނުއަރީ 2026، 04:12

ރާއްޖޭގެ ޞިއްޙީ ނިޒާމު ރަނގަޅުކޮށް، ޞިއްޙީ ޚިދުމަތްތައް މުޅި ރާއްޖެއަށް ފެތުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަރިއަތޮޅު އުތުރުބުރީ އުކުޅަހު ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް ފަށާފައިވަނީ އުކުޅަހުގައި އެކަމަށް ޚާއްޞަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. އަދި އެ މަނިކުފާނު ވަނީ މި ރަސްމިއްޔާތުގައި ރަސްމީކޮށް ލެބޯޓްރީގެ ޚިދުމަތް އިފްތިތާޙުކުރައްވާފައެވެ.

އުކުޅަހުގައި ބޭއްވި މި ރަސްމިއްޔާތުގައި އެ ރަށު ކައުންސިލްގެ މެންބަރުންނާއި، ޞިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި އެ ރަށު ރައްޔިތުންވެސް ބައިވެރިވިއެވެ. 


މި ޚިދުމަތާއެކު، އުކުޅަހުން ލޭގެ ޓެސްޓުތައް ހެދޭނެ މަގު މިވަނީ ފަހިވެގެން ގޮސްފައެވެ. އަދި ރަށުގައި ތިބެގެން ލޭ އެޅޭނެ ޚިދުމަތް ލިބެން ފެށުމަކީ ވެސް ރަށުގެ ރައްޔިތުންގެ ޖީބަށް ލުއިވެ، ހައްޓަށްވެސް ފަސޭހަވާނެ ކަމެއްކަމަށް އެ ރަށުގެ ރައްޔިތުން ޤަބޫލުކުރެއެވެ.

މި ޚިދުމަތާއެކު ޞިއްޙީ ގޮތުން ރައްކާތެރި މުޖުތަމަޢެއް އެ ރަށުގައި ބިނާކުރުމަށް ވެސް އެހީވެދޭނެއެވެ. އެގޮތުން ހަކުރު ބައްޔާއި، ހިތުގެ ބައްޔާއި، ލޭ މައްޗަށް ދިއުމާއި، ކިޑްނީ މައްސަލަތައް ފަދަ ޢާންމުކޮށް ފާހަގަކުރެވޭ ބޮޑެތި ބަލިތައް ދެނެގަތުމަށް ފަސޭހަވެ، ދުރާލައި ބަލިތައް ދެނެގަތުމަށް މަގުފަހިވާނެ ކަމަށް ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި އާންމުކޮށް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގޫ ފަދަ ބަލިތަކާއި ގުޅުންހުރި ޓެސްޓުތަކާއި، މާބަނޑު މީހުން ޤަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހެދުމަށްވެސް މި ލެބޯޓްރީގެ ސަބަބުން މަގުފަހި ވެގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450