ކުޅިވަރު

ޑައިމަންޑު ޖުބިލީ ފާހަގަކުރުމަށް ޖޫންގައި ބައިނަލްއަޤުވާމީ ފުޓުބޯޅަ މުބާރާތެއް ބާއްވަން ނިންމައިފި

ޑައިމަންޑު ޖުބިލީ ފާހަގަކުރުމަށް ޖޫންގައި ބައިނަލްއަޤުވާމީ ފުޓުބޯޅަ މުބާރާތެއް ބާއްވަން ނިންމައިފި

ގޯލްޑަން ޖުބިލީ ފާހަގަކުރުމަށް މާލޭގައި ބޭއްވި އިންވިޓޭޝަނަލް މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ޓީމު ---

farudhun logo

ފަރުދުން

06 ޖެނުއަރީ 2026، 09:07

06 ޖެނުއަރީ 2026، 09:07

ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ކުރިޔަށްގެންދާ "ޑައިމަންޑް ޖުބިލީ" ހަރަކާތްތަކުގެ ތެރެއިން މި އަހަރުގެ ޖޫން މަހު ރާއްޖެގައި ބައިނަލްއަޤުވާމީ ފުޓުބޯޅަ މުބާރާތެއް ބާއްވަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ނިންމައިފިއެވެ.

މި މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ ހޯމަ ދުވަހު ބޭއްވި އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ ނުވަވަނަ ބައްދަލުވުމުގައެވެ. 

އެފްއޭއެމްއިން ހާމަކޮށްފައިވާ ގޮތުގައި، މި މުބާރާތް ބާއްވާނީ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާ ދެމެދު، މާލޭގައެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު ސަރަޙައްދީ ޤައުމުތަކަށް ދޭން ނިންމާފައިވާއިރު، އަވަށްޓެރި ސްރީ ލަންކާއަށާއި ބަންގްލަދޭޝްގެ އިތުރުން ނޭޕާލްގެ ޤައުމީ ޓީމަށް ދައުވަތުދޭނެއެވެ. އަދި ލަންކާގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޤައުމުން ވަނީ މި ދަޢުވަތު ގަބޫލުކުރަން ނިންމާފައެވެ.

ދިވެހި ފުޓުބޯޅައަށް 50 އަހަރު ފާހަގަކުރުމުގެ ގޮތުން ވެސް މިފަދަ މުބާރާތެއް ވަނީ ބާއްވާފައެވެ. 2000 ވަނަ އަހަރު، ގޯލްޑަން ޖުބިލީގެ ނަމުގައި ބޭއްވި އެ މުބާރާތުގައި ވާދަކުރީ ބަންގްލަދޭޝް އާއި ސްރީ ލަންކާގެ އިތުރުން، މިފަހަރު ދަޢުވަތު ނުދޭ، ސަރަޙައްދީ ގަދަބާރު އިންޑިއާ އިންނެވެ.

އެ ފަހަރުގެ ފައިނަލުގައި ވާދަކުރީ ރާއްޖެ އާއި ސްރީ ލަންކާއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1އިން އެއްވަރުވެފައި ވުމުން، ޕެނަލްޓީ ޖަހައިގެން މުބާރާތް ކާމިޔާބުކުރީ ސްރީ ލަންކާއެވެ.

ބައިނަލްއަޤުވާމީ އިންވިޓޭޝަނަލް މުބާރާތުގެ އިތުރުން، 19 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތެއް ބާއްވަން ވެސް އެފްއޭއެމްއިން ވަނީ ނިންމާފައެވެ. ފެބްރުއަރީ މަހުގެ 7-15 އަށް ބާއްވަން ތާވަލުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމަށް ދައުވަތުދެނީ ސީއެޗްއެސްއީ-މާލެ އަށާއި ސީއެޗްއެސްއީ-ހުޅުމާލޭގެ އިތުރުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އަދި ވިލާ އިންޓަނޭޝަނަލް ހައިސްކޫލަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450