ކުޅިވަރު
ނިއު ރޭޑިއަންޓަށް ސްޕޯޓިން ޑިރެކްޓަރެއް ހަމަޖައްސައިފި
ނިއު ރޭޑިއަންޓަށް ހަމަޖައްސާފައި ވަނީ ސްޕެއިންގެ ސްޕޯޓްސް ޑިރެކްޓަރެއް---
ފަރުދުން
07 ޖެނުއަރީ 2026، 07:40
07 ޖެނުއަރީ 2026، 07:40
ދިވެހި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓުބޯޅަ ޓީމު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސްޕޯޓިން ޑިރެކްޓަރެއް ހަމަޖައްސައިފިއެވެ.
ނިއު ރޭޑިއަންޓްގެ ސްޕޯޓިން ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ ސްޕެއިނުގެ ކުރީގެ ކުޅުންތެރިޔާ، ފްރެންސިސްކޯ މެނުއަލް ކައީންޒޮސްއެވެ.
ނިއު ރޭޑިއަންޓަށް ސްޕޯޓިން ޑިރެކްޓަރެއް ހަމަޖެއްސުމަށްފަހު އެ ޓީމުން ބުނީ، ކައީންޒޮސްގެ ތަޖުރިބާ އާއި ގާބިލްކަމާ އެކު ކްލަބަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އަދި ސީނިއާރ ޓީމުގެ އިތުރުން، އަލަށް އެކުލަވާލާ ބީ ޓީމާއި، އަންހެން ޓީމާއި، އެކަޑަމީގެ ޓެކްނިކަލް ކަންކަން ވެސް އޭނާ ބަލަހައްޓާނެ ކަމަށެވެ.
ޕްރޮފެޝަނަލް ކްލަބްތަކުގައި ޓީމުގެ ޓެކްނިކަލް ކަންކަން ބެލެހެއްޓިމަށް ޚާއްސަކޮށް ވަކި ފަރާތަކާއި ސްޕޯޓްސް ޑިރެކްޓަރެއްގެ ޒިންމާ ހަވާލުކުރެއެވެ. ނަމަވެސް ރާއްޖޭގައި މިއީ އާންމުކޮށް ކުރާކަމެއް ނޫނެވެ. އަދި ގިނަ ފަހަރަށް ޓެކްނިކަލް ޑިރެކްޓަރުގެ ޒިންމާ ނަގަމުން ދަނީ ކްލަބުގެ ސީނިއާ ޓީމުގެ ކޯޗެވެ.
ސްޕޯޓްސް ޑިރެކްޓަރުންނަކީ ޕްރޮފެޝަނަލް ކްލަބެއްގެ ބޮޑު ޒިންމާތަކެއް ހަވާލުކޮށްފައި ތިބޭ ބައެކެވެ. އެގޮތުން ކްލަބުގެ ދުރުރާސްތާ އަމާޒަށް ވާސިލްވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމާއި، ކުޅުންތެރިންނާއި، ކޯޗުންނާއި، ޓީމުގެ މެނޭޖުމެންޓު ގުޅުވާދިނުމާއި، ޓީމަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމާއި، ޒުވާން ޓީމުތައް ކުރިޔަށްދާ ގޮތް ބެލުމާއި އަދި އެ ޓީމުތަކުން ސީނިއަރ ޓީމަށް ގެންނަންޖެހޭ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުންފަދަ ގިނަ ކަންކަމަކީ ޓެކްނިކަލް ޑިރެކްޓަރެއްގެ ޒިންމާތަކެވެ.