ކުޅިވަރު
ސުޕަރ ކަޕްގެ ރެކޯޑަކާއެކު ބާސެލޯނާއިން ފައިނަލަށް ދަތުރުކޮށްފި
ބާސެލޯނާގެ ރަފީނިއާ ވަނީ އެތުލެޓިކް ކްލަބްގެ ކޮޅަށް ދެ ގޯލު ކާމިޔާބުކޮށްފި / ފޮޓޯ: ގެޓީ އިމޭޖަސް
ސްޕެނިޝް ސުޕަރ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއިން އެތުލެޓިކް ކްލަބު 5-0އިން ބަލިކޮށް، މުބާރާތުގައި ރެކޯޑަކާއެކު ފައިނަލުން ޖާގަ ހޯދައިފިއެވެ.
ސައުދީ އަރަބިއްޔާގައި ކުރިޔަށްދާ މި މުބާރާތުގެ ސެމީގައި ބުދަ ދުވަހުގެރޭ ބާސެލޯނާއިން ވަނީ މެޗުގެ ފުރަތަމަ ހާފުގައި، 16 މިނެޓުގެ ތެރޭގައި 4 ގޯލު ކާމިޔާބުކޮށް، 16ވަނަ ސުޕަރ ކަޕަށް ކުރާ އުއްމީދު ބޮޑުކޮށްފައެވެ.
މިއީ ސުޕަރ ކަޕް ތާރީޙުގައި ވެސް ސެމީގެ ފުރަތަމަ ހާފުގައި އެއް ޓީމަކުން 4 ގޯލު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރަތަމަ ގޯލު 22 ވަނަ މިނެޓުގައި ކާމިޔާބުކުރީ ފެރަން ޓޮރޭސްއެވެ. އޭގެ ފަހުން ފާރމިން ލޮޕޭޒް ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ބާސެލޯނާއިން ލީޑު ފުޅާކުރިއެވެ.
މި މެޗުގައި ބާސެލޯނާގެ 3ވަނަ ގޯލު ރޫނީ ބަޖީސް ކާމިޔާބުކުރިއިރު، އެ ޓީމުގެ ފަހު ގޯލު މެޗުގެ 38ވަނަ މިނެޓުގައި ކާމިޔާބުކުރީ ރަފީނިއާއެވެ. ބާސެލޯނާގެ ފަހު ގޯލަކީވެސް އޭނާ ކާމިޔާބުކުރި ގޯލެކެވެ. އެއީ ދެވަނަ ހާފުގެ ހަތަރުވަނަ މިނެޓުގައެވެ.
ބާސެލޯނާއިން ފައިނަލްގައި ނިކުންނާނީ، ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މިރޭ އެތުލެޓިކޯ މެޑްރިޑާއި ރެއާލް މެޑްރިޑް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
މި މުބާރާތުގެ ފައިނަލް ކުޅޭނީ ސައުދީގެ ޖިއްދާގައެވެ. ސްޕެއިންގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ މި މުބާރާތް 2029 ވަނަ އަހަރާއި ހަމައަށް ސައުދީގައި ކުޅުމަށް އެ ޤައުމާ ދެމެދު އެއްބަސްވުމެއް ހަދާފައެވެ.