ކުޅިވަރު
ފުލަމް އަތުން ބަލިވެ، ޗެލްސީ 8ވަނައަށް ވެއްޓިއްޖެ
ފުލަމް ވަނީ ޗެލްސީ ބަލިކޮށް ޕޮއިންޓުގެ ގޮތުން އެ ޓީމާ ހަމަހަމަކޮށްފައި / ފޮޓޯ: ބީބީސީ
އިންގްލިޝް ޕްރިމިއަރ ލީގުގައި ފުލަމްއާ ދެކޮޅަށް ކުޅުނު މެޗުން 2-1އިން ބަލިވެ، ޗެލްސީ ލީގުގެ 8ވަނައަށް ވެއްޓިއްޖެއެވެ.
މި މެޗުގައި ޗެލްސީއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުގެ ފަހަތަށް ކުޅެމުން ދިޔަ މާރކް ކުކުރޭލާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލުމެވެ. އެއީ ފުލަމްގެ ކުރިއަށް ކުޅެމުންދިޔަ ހެރީ ވިލްސަންއަށް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ދެއްކި ރަތް ކާޑެކެވެ.
ފުލަމްގެ ކްރޭވަން ކޮޓޭޖުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީވެސް ފުލަމްއިންނެވެ. އޭގެ ކުރިން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ވިލްސަން ޖެހި ގޯލެއް ނުގުނުމަށް، ވީއޭއާރުގެ އެހީއާއެކު ރެފްރީ ވަނީ ނިންމާފައެވެ.
ފުލަމްއިން ލީޑު ނެގީ މެޗުގެ 55ވަނަ މިނެޓުގައި ރައުލް ހިމެނޭޒް ކާމިޔާބުކުރި ގޯލަކުންނެވެ. އޭގެ 18 މިނެޓު ފަހުން ލިއާމް ޑިލެޕްގެ ގޯލަކުން ޗެލްސީއަށް ނަތީޖާ ހަމަހަމަކުރެވުނު ނަމަވެސް، މެޗު ނިމެން 9 މިނެޓަށްވެފައި ވަނިކޮށް ވިލްސަން ވަނީ އެ ޓީމަށް 3 ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.
މި ނަތީޖާއާއެކު މި ދެ ޓީމަށް ވެސް 21 މެޗުން ލިބިފައި ވަނީ 31 ޕޮއިންޓެވެ. ނަމަވެސް ޗެލްސީ ފުލަމްއަށް ވުރެ އެއް ދަރަޖަ ކުރީގައި އޮތީ ފައިދާ ގޯލުންނެވެ.
މިދިޔަ ހަފްތާގައި ޗެލްސީގެ ކޯޗެއްގެ މަޤާމުގައި ހުރި އެންޒޯ މަރެސްކާ ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ފުލަމް މެޗުގައި ޗެލްސީއަށް އިރުޝާދު ދީފައި ވަނީ އެ ޓީމުގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗެވެ.
މަރެސްކާގެ ބަދަލުގައި ޗެލްސީއާ ހަވާލުވާނީ ރޮޒީނިއާއެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅޭނެ ފުރަތަމަ މެޗަކީ، އެފްއޭ ކަޕްގައި ޗާލްޓަން އެތްލެޓިކް އާއި ދެކޮޅަށް އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗެވެ.