ކުޅިވަރު
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޤައުމީ ފިރިހެން ސްކޮޑު ފައިނަލްކޮށްފި
ޤައުމީ ފުޓްސަލް ޓީމް ރާއްޖޭގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން / ފޮޓޯ: އެފްއޭއެމް
މި މަހު 14-26 އަށް ތައިލެންޑުގައި ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޤައުމީ ފިރިހެން ފުޓްސަލް ސްކޮޑު ފައިނަލްކޮށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން މިއަދު އިޢުލާންކޮށްފިއެވެ.
ޤައުމީ ފުޓްސަލް ސްކޮޑު އިޢުލާންކޮށްފައި މިވަނީ މިދިޔަ މަހުގެ 1ވަނަ ދުވަހު ފަރިތަކުރުންތައް ފަށައި، އޭގެ ފަހުން މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޗައިނާގައި ޓްރއިނިން ކޭމްޕެއް ފުރިހަމަ ކުރަމުން ދަނިކޮށެވެ.
ޓީމު ޗައިނާއަށް ފުރީ ސްކޮޑު 18 ކުޅުންތެރިންނަށް މަދުކުރުމަށްފަހުއެވެ. އަދި މިއަދު އިޢުލާންކުރި ފައިނަލް ސްކޮޑުގައި ހިމެނެނީ އޭގެތެރެއިން 14 ކުޅުންތެރިންނެވެ.
ފައިނަލް ސްކޮޑުން ބާކީވީ އިސްމާޢިލް ވަޖީހް އާއި މުޙައްމަދު އިސާމްގެ އިތުރުން، ދެ ގޯލްކީޕަރުން ކަމުގައިވާ މުޙައްމަދު ލިފްސާން އަދި އަބްދުالله ޒިމާމްއެވެ.
ޤައުމީ ފިރިހެން ފުޓްސަލް ސްކޮޑުގައި ހިމެނޭ ކުޅުންތެރިން:
1. އިބްރާޙިމް ނާޖިހު (ގކ)
2. ޒައިދާން އަޙުމަދު (ގކ)
3. މުޙައްމަދު އިމްރާން
4. އިޝާން އިބްރާޙިމް
5. ޢަލީ ޝިޔާޙް
6. ޢަލީ ޝަމާލް ޢަބްދުالله
7. އަޙުމަދު ރާޙިލް ރަޝީދު
8. ޙުސެއިން ސުހެއިލް
9. ހުޒައިފަތު ރަޝީދު
10. ޢަބްދުالله ޖުނައިދު
11. ޢަބްދުالله ޝާފިއު
12. ޙުސެއިން ޝަރީފް
13. ޢަލީ ހައިސަމް
14. އަޙުމަދު ޙަމީދު
އުޒްބެކިސްތާނަށް ނިސްބަތްވާ ފާރޫކް ޒަކިރޯވްގެ އިރުޝާދުގެ ދަށުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ޤައުމީ ފުޓްސަލް ޓީމުން މުބާރާތް ބާއްވާ ތައިލެންޑަށް ދިއުމަށް ހަމަޖެހިފައި ވަނީ ރާއްޖެއަށް ނައިހެވެ.
އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިޔަށްގެންދާ މި މުބާރާތުގައި ދިވެހިރާއްޖޭގެ ޤައުމީ ފިރިހެން ފުޓްސަލް ޓީމުގެ ފުރަތަމަ މެޗު ކުޅޭނީ ޕާކިސްތާންއާ ދެކޮޅަށެވެ.
ރާއްޖޭގެ އިތުރުން ދެން މުބާރާތުގައި ވާދަކުރަނީ ޕާކިސްތާން، ސްރީ ލަންކާ، އިންޑިއާ، ނޭޕާލް، ބަނގުލަދޭޝް އަދި ބޫޓާންއެވެ.