ޚަބަރު
މިދިޔަ އަހަރު ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް 3.8 ބިލިޔަން ރުފިޔާ ލިބިއްޖެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ 2 ވަނަ ޓާމިނަލް. ފޮޓޯ: މިހާރު
ނިމިދިޔަ އަހަރު ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް 3.8 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1.5 ބިލިޔަން ރުފިޔާގެ ބޮޑު އިތުރުވުމެކެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ޑިޕާޗަރ ޓެކުހުގެ ގޮތުގައި 1.9 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2024 ވަނަ އަހަރު ލިބުނު 1.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. ހަމައެއާއެކު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައިވެސް މިދިޔަ އަހަރު 1.9 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، 2024 ވަނަ އަހަރު މި ފީގެ ގޮތުގައި ލިބިފައިވަނީ 1.2 ބިލިޔަން ރުފިޔާއެވެ.
މި ދެ ބައި އެއްކޮށްލުމުން 2025 ވަނަ އަހަރު ލިބުނު ޖުމްލަ އާމްދަނީއަކީ 3.8 ބިލިޔަން ރުފިޔާއެވެ. 2024 ވަނަ އަހަރު ލިބުނު 2.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު މިއީ 65.7 އިންސައްތައިގެ އިތުރުވުމެއް ކަމަށް މީރާއިން ފާހަގަކުރެއެވެ. މި އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ 2025 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2.2 މިލިޔަނަށް އަރައި، ފަތުރުވެރިކަން ކުރިއަރައިގެން ދިއުމެވެ.
ޑިޕާޗަރ ޓެކުހަކީ 2022 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ރާއްޖޭގެ އެއާޕޯޓަކުން ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގަން ފެށި ޓެކުހެކެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނަގާ ފީއެކެވެ.
ޓެކްސް އަދި ފީ ނަގާ ރޭޓުތައް:
މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން ޑިޕާޗަރ ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަނީ ދަތުރުކުރާ ކްލާހަށް ބަލައިގެންނެވެ:
އިކޮނޮމީ ކްލާސް: ދިވެހިން - 12 ޑޮލަރު / ބިދޭސީން - 30 ޑޮލަރު
ބިޒްނަސް ކްލާސް: ދިވެހިންނާއި ބިދޭސީން - 60 ޑޮލަރު
ފަސްޓް ކްލާސް: ދިވެހިންނާއި ބިދޭސީން - 90 ޑޮލަރު
ޕްރައިވެޓް ޖެޓު: ދިވެހިންނާއި ބިދޭސީން - 120 ޑޮލަރު
މީރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވެފައިވަނީ 2025 ވަނަ އަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މައްޗަށް ދިއުމާ ގުޅިގެންނެވެ. އެ އަހަރުގެ ތެރޭގައި ޖުމްލަ 2.2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަން އެ އިދާރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.