Ads by Stelco

ޚަބަރު

ބިދޭސީން ރާއްޖެއިން ބޭރަށް ދަތުރު ކުރާއިރު މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތްކަން ކަށަވަރު ކުރުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފި

ބިދޭސީން ރާއްޖެއިން ބޭރަށް ދަތުރު ކުރާއިރު މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތްކަން ކަށަވަރު ކުރުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފި

އިމިގްރޭޝަންގެ އޮޕަރޭޝަނެއްގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖެނުއަރީ 2026، 02:26

11 ޖެނުއަރީ 2026، 02:26

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ރާއްޖެއިން ބޭރަށް ދަތުރު ކުރުމުގެ ކުރިންނާއި އަދި އެނބުރި ރާއްޖެ އައުމުގެ ކުރިން، މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތްކަން ކަށަވަރު ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.

 ރާއްޖޭގައި އީ-ވިސާގެ ޚިދުމަތް ރަސްމީކޮށް ބޭނުންކުރަން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ދޫކުރާ ވިސާއާ ގުޅޭ ހުރިހާ ޚިދުމަތްތަކެއް މިހާރު ވަނީ އޮންލައިންކޮށްފައެވެ. އަދި އީ-ވިސާގެ ޚިދުމަތް ތަޢާރަފު ކުރުމާ ގުޅިގެން ބިދޭސީންނަށް ވިސާ ދޫކުރުމުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފައިވާކަން އެ މުއައްސަސާއިން ފާހަގަކުރެއެވެ. ރާއްޖެއަކީ މި ސަރަހައްދުގައި އީ-ވިސާގެ ޚިދުމަތް އެންމެ ފުރަތަމަ ތަޢާރަފު ކުރި ޤައުމެވެ.

ވާކް ޕާމިޓު ލިބިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީއެއްގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާކް ވިސާއެއް އޮތް ނަމަވެސް، ރާއްޖެއަށް އެތެރެވުމާއި ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮވެގެން ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. އަލަށް ވާކް ޕާމިޓު ލިބިގެން ރާއްޖެ އަންނަ ބިދޭސީންނަށް އެތެރެވުމުގެ ހުއްދަ ދެވޭނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް"އެއް އޮތުމުންނެވެ.

އިމިގްރޭޝަނުން އިތުރަށް ބުނީ، ބިދޭސީންގެ އީ-ވިސާގެ މުއްދަތު ބިނާވާނީ އެ މީހުންގެ ވާކް ޕާމިޓުގެ މުއްދަތަށް ކަމަށެވެ. އެހެންކަމުން، ސިސްޓަމް ތެރެއިން އޮޓަމެޓިކުން ވިސާގެ މުއްދަތު އޮތްތޯ ކަށަވަރު ކުރުމަކީ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތް ނުވަތަ އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓްރީވެފައިވާ ފަރާތުގެ ޒިންމާއެއް ކަމަށް އެ އިދާރާއިން ކަނޑައަޅާފައިވެއެވެ.

ވާކް ވިސާގެ މަރުހަލާ ފުރިހަމަ ނުކުރެވި ރާއްޖޭން ފުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ވާކް ޕާމިޓުގައި މުއްދަތު އޮތްނަމަ އެފަދަ ބިދޭސީއަކަށް ރާއްޖޭން ފުރުމުގެ ހުއްދަ ދެވޭނެއެވެ. ނަމަވެސް، މިފަދަ ހާލަތްތަކުގައި ވާކް ވިސާގެ މަރުޙަލާ ފުރިހަމަނުކޮށް ރާއްޖޭން ފުރައިގެން ދެވޭނީ ރާއްޖެއަށް އެތެރެވާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި އެންމެ ފަހަރަކު ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450