Ads by Stelco

ޚަބަރު

ށ. ފުނަދޫގެ ދައްފަޅުގައި ތަރައްޤީކުރަނީ 50 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް: ވުޒާރާ

ށ. ފުނަދޫގެ ދައްފަޅުގައި ތަރައްޤީކުރަނީ 50 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް: ވުޒާރާ

ށ. ފުނަދޫގެ ދައްފަޅު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ޖެނުއަރީ 2026، 03:50

11 ޖެނުއަރީ 2026، 03:50

ށ. ފުނަދޫގެ ދައްފަޅުގައި 50 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ހޮޓަލަކީ މަދުވެގެން 100 އެނދުގެ ޖާގަ ހިމެނޭނެ ތަނެއް ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

ށ. ފުނަދޫ ދައްފަޅަކީ ގުދުރަތީ ގޮތުން ވަރަށް ޚާއްޞަ މުއްސަނދިކަމެއް ލިބިފައިވާ ސަރަޙައްދެކެވެ. މި ފަޅަށް ފްލެމިންގޯ ފަދަ މޫސުމީ ދޫނިތައް ޒިޔާރަތްކުރާއިރު، މި ސަރަޙައްދަކީ ގިނަ އަދަދަކަށް މަޑް ކްރޭބް ނުވަތަ ބޮޑެތި ކަކުނި އާލާވާ ތަނެކެވެ. ރަށު ކައުންސިލުން ދެކޭގޮތުގައި މި ފަޅުގެ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަކީ އީކޯ ޓޫރިޒަމް ތަރައްޤީ ކުރުމަށް އޮތް ވަރަށް ރަނގަޅު ފުރުޞަތެކެވެ.

މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ އީކޯ ޕާކުގައި ޓޫރިސްޓް ހޮޓަލުގެ އިތުރުން، ތަފާތު މޫދު ކުޅިވަރުތަކާއި، ފްލެމިންގޯ ފަދަ ދޫނިތައް ބަލާލުމަށް ޚާއްޞަ ޕްލެޓްފޯމަކާއި، މަޑް ކްރޭބް އާލާކުރާ މަރުކަޒުތަކުގެ އިތުރުން ފްލޯޓިން ރެސްޓޯރެންޓެއް ހިމެނޭނެ ކަމަށް ކައުންސިލުން ވިދާޅުވެއެވެ.

ފުނަދޫ ދައްފަޅުގައި ޓޫރިސްޓު ހޮޓަލެއް ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢަށް ބިޑް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިއަހަރުގެ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހެވެ. މި މަޝްރޫޢުގެ ޑީޓެއިލް ޑިޒައިން އެކުލަވާލުމުގެ ކުރިން ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސަރަޙައްދުގެ ގުދުރަތީ ސިފަތައް ހިމާޔަތްކޮށް، އިޖުތިމާޢީ އަދި މާލީ މަންފާ ލިބޭނެ ގޮތަށް މި މަޝްރޫޢު ޑިޒައިން ކުރެވޭނެ ކަމަށެވެ. މިގޮތުން ށ. ފަރުކޮޅު ދެމެހެއްޓެނިވި ގޮތުގައި މެނޭޖްކުރުމަށްޓަކައި "ކެޓެނޭޓް ޕްރޮޖެކްޓް" ގެ ނަމުގައި ޚާއްޞަ މަޝްރޫޢެއް ވަނީ ފަށާފައެވެ. މިއީ ގްލޯބަލް އެންވާރްމަންޓް ފެސިލިޓީ (ޖެފް) އާއި އައިޔޫސީއެންގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ފަރުތަކާއި މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި އުޞޫލަކުން ބެލެހެއްޓޭނެ ވިލުންވެރި ނެޓްވޯކެއް ޤާއިމްކުރުމެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ފަރުކޮޅު ވެގެންދާނީ ނޭޗަރ ޕާކެއްގެ ގޮތުގައި ތަރައްޤީކުރެވި، ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެ ފުރިހަމަ މިސާލަކަށް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އެރަށަށް ޒިޔާރަތްކުރާ މީހުންނަށް ރާއްޖޭގެ ޤުދުރަތީ ރީތިކަން އެންމެ ފުރިހަމައަށް ބަލާލުމުގެ ފުރުސަތު މި މަޝްރޫއުގެ ސަބަބުން ފަހިވެގެންދާނެއެވެ. އަދި މިއީ ފުނަދޫގެ ކުރިއެރުމަށް ލިބޭނެ ބޮޑު އެހީތެރިކަމެއްގެ ގޮތުގައި ކަމާބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.

ކެޓެނޭޓް މަޝްރޫއުގެ ދަށުން، މި ސަރަހައްދަށް ދާއިމީކޮށް މާލީ މަންފާ ލިބޭނެ ފަދަ އުސޫލުތަކެއް ގާއިމުކުރެވޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ. މީގެ ތެރޭގައި އަލަށް ފަށާ ވިޔަފާރިތަކަށް އެހީތެރިވުމަށްޓަކައި ދޫކުރާ ސްޓާރޓަޕް ގްރާންޓްތައް ފަދަ ކަންކަން ހިމެނެއެވެ.

ފަރުކޮޅުގެ ނޭޗަރ ޕާކަކީ ތިމާވެއްޓާ ގުޅޭ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންގޮސް، އޭގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ކުރިއެރުން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ މޮޑެލްއެއް ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450