ޚަބަރު
ސްޓެލްކޯގެ އެމްޑީގެ މަޤާމުގައި ހުންނެވި ޝަމާޙް އެމަޤާމުން ވަކިކޮށްފި
އަޙްމަދު ޝަމާޙް ރަޝީދު
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުންނާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަޤާމުން އަޙްމަދު ޝަމާޙް ރަޝީދު މިއަދު ވަކިކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ވިދާޅުވީ ޝަމާޙް މަޤާމުން ވަކިކުރީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް، އޭނާ މަޤާމުން ވަކިކުރި ސަބަބާ ގުޅޭ އެއްވެސް ތަފްސީލެއް އެ ބޯޑުން ހާމަކުރައްވާފައެއް ނުވެއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަޙްމަދު ޝަމާޙް ރަޝީދު އައްޔަނުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެހެންކަމުން، އޭނާ އެ މަޤާމުގައި ހޭދަކުރައްވާފައިވަނީ ގާތްގަނޑަކަށް 4 މަސް ދުވަހެވެ. ޝަމާޙް މި މަޤާމަށް އައްޔަނުކުރީ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ މަޤާމުން ވަކިކުރުމަށްފަހުގައެވެ.
ސްޓެލްކޯގެ އެމްޑީގެ މަޤާމާ ހަވާލުވުމުގެ ކުރިން ޝަމާޙް ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ސީއީއޯގެ މަޤާމުވެސް އަދާކުރައްވާފައެވެ. 2024 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި މިފްކޯގެ މަޤާމުން އޭނާ ވަކިކުރިއިރު، އޭގެ ކުރިން އޭނާ ވަނީ މަޤާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ސަސްޕެންޑްވެސް ކޮށްފައެވެ.