ޚަބަރު
ވީއައިއޭގެ އައު ޓާމިނަލްގެ ސީޕްލޭން ކައުންޓަރުގެ ޚިދުމަތް ފަށައިފި
އެއަރޕޯޓުގެ އައު ޓާމިނަލްގެ ސީޕްލޭން ކައުންޓަރުގެ ޚުދުމަތް ފެށުން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އައު ޓާމިނަލުން ސީޕްލޭންތަކަށް ޚިދުމަތް ދޭން ފަށައިފިއެވެ.
މިއީ އެއާޕޯޓުގެ ތަރައްޤީގެ މަޝްރޫޢުގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އައު ޓާމިނަލުގައި ސީޕްލޭންތަކަށް ޚިދުމަތް ދިނުމަށް ޚާއްޞަކޮށްގެން ޖުމްލަ 24 ޗެކިން ކައުންޓަރު ވަނީ ޤާއިމްކޮށްފައެވެ. މި ކައުންޓަރުތަކުން ޚިދުމަތް ދޭން ފެށުމާއެކު، ސީޕްލޭންގައި ދަތުރުކުރާ ފަރާތްތައް ސީޕްލޭން ޓާމިނަލަށް ގެންދިއުމަށްޓަކައި އޮޕަރޭޓަރުން ބޭނުންކުރާނެ ބަސް ރޫޓުތައްވެސް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ މިހާރު ކަނޑައަޅާފައެވެ.
އެމްއޭސީއެލްއިން ހާމަކުރި ގޮތުގައި، އައު ޓާމިނަލުގެ އެރައިވަލް ގޭޓް 4 ގެ ދެކުނު ޕާކިން ޒޯން ދެން ބޭނުންކުރާނީ ހަމައެކަނި ސީޕްލޭން އޮޕަރޭޓަރުންނަށާއި އެމްއޭސީއެލްގެ ސްޓާފް ބަސްތައް ބެހެއްޓުމަށެވެ. އެހެންކަމުން، އެހެނިހެން އުޅަނދުތައް އެ ސަރަޙައްދަށް ވަދެ ނިކުތުމާއި، ބަސްތަކަށް ދަތިވާ ގޮތަށް ޕާކުކުރުމަކީ މަނާކަމެއް ކަމަށް އެ ކުންފުނިން ވަނީ އަންގާފައެވެ.
Step into the new seaplane check-in area. This spacious, fully air-conditioned space provides a comfortable and premium start to your Maldives journey. pic.twitter.com/exVRPzI2mm
— Maldives Airports Company Ltd (@MACLmedia) January 11, 2026
ރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން އޮންނަ ޤައުމަށް ވާއިރު، އައު ޓާމިނަލުން މި ޚިދުމަތް ފެށުމަކީ ފަތުރުވެރިންނަށާއި ދަތުރުވެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އެމްއޭސީއެލްއިން ފާހަގަކުރެއެވެ. މީގެ ސަބަބުން ޗެކިން މަރުޙަލާ އަވަސްވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެއެވެ.
ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލުން ޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މިހާތަނަށް ރާއްޖެއަށް ދަތުރުކުރާ 41 އެއާލައިނެއްގެ ޚިދުމަތްތައް ވަނީ މި އައު ޓާމިނަލަށް ބަދަލުކޮށްފައެވެ.