ޚަބަރު
މިދިޔަ އަހަރު ހިލޭ ޑިގްރީ ޕްރޮގްރާމަށް 151 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރި: ވުޒާރާ
އައިޔޫއެމްގެ ގްރެޖުއޭޝަން ޖަލްސާއެއްގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން ކުރިއަށްގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމަށް މިދިޔަ އަހަރު އެކަނިވެސް 151 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބޮޑު ހޭދައެކެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ހިލޭ ޑިގްރީ ޕްރޮގްރާމަށް ސަރުކާރުން ވަނީ 151,302,259 (ސަތޭކަ ފަންސާސް އެއް މިލިއަން ތިންލައްކަ ދެހާސް ދުއިސައްތަ ފަންސާސް ނުވައެއް) ރުފިޔާ ހޭދަކޮށްފައެވެ. އަދި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މި ޕްރޮގްރާމަށް ޖުމްލަ 301.6 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
މިދިޔަ އަހަރު އެކަނިވެސް 2,798 ދަރިވަރަކު އަލަށް މި ޕްރޮގްރާމްގައި ރަޖިސްޓްރީވެފައިވާއިރު، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޖުމްލަ 5,863 ދަރިވަރުން ވަނީ އަލަށް ގުޅިފައެވެ. މިވަގުތުވެސް 8,680 ދަރިވަރުން މި ޕްރޮގްރާމްގެ ދަށުން ކިޔަވަމުންދާއިރު، އޭގެ ތެރޭގައި ހިމެނެނީ 5,486 އަންހެން ކުދިންނާއި 3,194 ފިރިހެން ކުދިންނެވެ.
ދަސްވެނިވި ދަރިވަރުންގެ އަދަދަށް ބަލާއިރު، މިދިޔަ އަހަރު 3,286 ދަރިވަރުން ވަނީ ކޯސްތައް ނިންމާ ދަސްވެނިވެފައެވެ. އަދި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޖުމްލަ 6,640 ދަރިވަރުން ވަނީ މި ޕްރޮގްރާމްގެ ދަށުން ތަޢުލީމު ހާސިލުކޮށް ނިމިފައެވެ.
ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމަކީ މަތީ ތަޢުލީމަށް ކިޔެވުމުގެ ރޫޙު އަށަގެންނެވުމަށާއި، މާލީ ދަތިކަމެއް ނެތި ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މީގެ އިތުރުން ރާއްޖޭގައި ވަޒީފާގެ ޑިމާންޑް އޮތް ދާއިރާތަކުން މީހުން ބިނާކުރުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު މަޤުޞަދެކެވެ.