Ads by Stelco

ޚަބަރު

އެޗްޑީސީ އިން ރަމަޟާން މަހަށް ތައްޔާރުވުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް އަޅަނީ

އެޗްޑީސީ އިން ރަމަޟާން މަހަށް ތައްޔާރުވުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް އަޅަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމް ކުރަމުންދާ މާރުކޭޓުގެ މަސައްކަތް ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ޖެނުއަރީ 2026، 12:08

12 ޖެނުއަރީ 2026، 12:08

ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ވަގުތީ މާރުކޭޓެއް ހެދުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.

އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ވަގުތީ މާރުކޭޓު ތަރައްޤީ ކުރަނީ ދެވަނަ ފިޔަވަހީގެ ވިނަރެސް 8 ވަނަ ފްލެޓާއި ވަގުތީ މިސްކިތާ ދެމެދު އޮންނަ ހުސް ސަރަޙައްދުގައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ތަރުކާރީ އާއި މޭވާގެ ބާވަތްތައް ގަނެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

މި މާރުކޭޓުގައި ޖުމްލަ 24 ގޮޅި ހެދުމަށް ވަނީ ނިންމާފައެވެ. މިހާރު ކުރިއަށްދަނީ މާރުކޭޓުގެ ވަގުތީ އިމާރާތުގެ މަސައްކަތްތައް ކަމަށާއި، ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގޮޅިތަކުގެ ޢަމަލީ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ލަފާކުރެއެވެ.

ގޮޅިތައް ދޫކުރުމާ ގުޅޭގޮތުން އެޗްޑީސީން ވިދާޅުވީ، މި ގޮޅިތައް ދޫކުރާނީ ޢާއްމު އުސޫލުގެ ދަށުން ކަމަށެވެ. އަދި އިމާރާތުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ގޮޅިތަކަށް އެދުމުގެ ފުރުޞަތު ހުޅުވާލައި، ގޮޅިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވައްސަކީ މިހާރު މާލެ ސަރަޙައްދުގައި އެންމެ ހަލުވިކަމާއެކު އާބާދީ އިތުރުވަމުންދާ ސަރަޙައްދެވެ. މިހާރު ދޫކުރަމުންދާ ފްލެޓުތަކާއެކު އެ ސަރަޙައްދުގެ އާބާދީ އެއްލައްކައާ ގާތްކުރާނެ ކަމަށް ބެލެވޭއިރު، އެ ސަރަޙައްދުގައި އަދި ދާއިމީ މާރުކޭޓެއް ގާއިމްކުރެވިފައެއް ނުވެއެވެ. ނަމަވެސް ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާ ދިމާކޮށް އެޗްޑީސީން ދަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450