ޚަބަރު
ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރިކުރި ދެދިވެހިން ހައްޔަރުކޮށްފި
ބަނގުރަލުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުން
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މާލެއިން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި ހިނގާ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި މި އޮޕަރޭޝަނުގައި އެ ހަތަރު މީހުން މަސްވެރިންގެ ޕާކު ސަރަޙައްދުން ހުއްޓުވައި ބަލައި ފާސްކުރިއިރު 23 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ދެ މީހަކު ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ. އެއީ މާލެ / ގ. ހެޕީސައިޑް، މުޙައްމަދު ނާއިޝް (43އ) އާއި، ޅ.ހިންނަވަރު / ހަނދާން، އިކްރާމް ޢަބްދުއްރަޙްމާން (31އ) އެވެ. ކޯޓުން ވަނީ މި ދެ މީހުން 10 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލައިގައި ހިމެނޭ އަނެއް ދެ މީހުންނާ މެދު ކޯޓުން ނިންމާފައިވަނީ ވަކި ޝަރުތުތަކެއް ކުރުމަށްފަހު ދޫކޮށްލުމަށެވެ. ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.