ޚަބަރު
ޢުމްރާގެ އަޅުކަމުގައި ހުއްޓާ ޙާލު ދެރަވި ދިވެހި އަންހެނަކު ރާއްޖެ ގެނެސް ފަރުވާދޭން ފަށައިފި
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ޢުމްރާގެ އަޅުކަމަށް ދިޔަ ފަރާތްތަކުގެ ތެރެއިން ބައެއް މީހުން ފޮޓޯ: ޙައްޖު ކޯޕަރޭޝަން
ޢުމްރާގެ އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ގޮސް އުޅެނިކޮށް، ޞިއްޙީ ޙާލަތު ގޯސްވި ދިވެއްސަކު މިއަދު ރާއްޖެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ޢުމްރާގެ އަޅުކަމުގައި އުޅެނިކޮށް ޙާލު ދެރަވެގެން ރާއްޖެ ގެނެސްފައިވަނީ ޢުމުރުން 57 އަހަރުގެ އަންހެނެކެވެ. އޭނާ ރާއްޖެ ގެނެސްފައިވަނީ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލައިޓެއްގައި ސިއްޙީ އެހީތެރިންގެ ޚާއްޞަ ޓީމެއްގެ ބެލުމުގެ ދަށުންނެވެ.
ބަލިމީހާ މާލެ ގެނައުމަށްފަހު މިހާރު ފަރުވާ ދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ މީހާގެ ޙާލަތު ސީރިއަސްވުމުގެ ސަބަބުން މިހާރު ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގެ އެހީގައެވެ. ނަމަވެސް، އެ މީހާއަށް ދިމާވި ޞިއްޙީ މައްސަލައިގެ އިތުރު ތަފްޞީލެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.
މި މީހާ ރާއްޖެ ގެނައުމާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިދިޔަ އަންގާރަ ދުވަހު ވިދާޅުވީ، ސަޢުދީގައި އެޑްމިޓްކޮށްފައިވާ ބަލިމީހާ ރާއްޖެ ގެނައުމުގެ މަސައްކަތް ޢާއިލާއާ ގުޅިގެން ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގައި މޯލްޑިވިއަންއާއި އައިޖީއެމްއެޗުން ދެއްވި އެއްބާރުލުމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، ޙާލު ދެރަވި އަންހެން މީހާއަކީ "އަލް ވާދީ ޢުމްރާ ގްރޫޕު" ގެ ޙަވާލުގައި ޢުމްރާގެ އަޅުކަމަށް ދިޔަ މީހެކެވެ.
މިފަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ރާއްޖެއިން ގިނަ ޢަދަދެއްގެ ބަޔަކު ޢުމްރާގެ އަޅުކަމަށް ގޮސްފައިވެއެވެ. އެގޮތުން ތަފާތު ގްރޫޕްތަކުގެ ޙަވާލުގައި 7000 އަށްވުރެ ގިނަ ދިވެހިން މި ޗުއްޓީ ތެރޭގައި ސަޢުދީއަށް ދަތުރުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.