ޚަބަރު
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ހުކުރުދުވަހު ބާއްވަނީ
އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއް ކުރިއަށްދަނީ. ފޮޓޯ:އެޓޯލް ޓައިމްސް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި އެމްޑީޕީ ތަމްސީލް ކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މި ހުކުރު ދުވަހު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ. މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ރަށްރަށުގެ ސްކޫލުތަކުގައެވެ.
މާލެ ސަރަހައްދާއި އަތޮޅުތަކުގެ ހުރިހާ ރަށެއްގައިވެސް މިފަހަރު ވޯޓުފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ސްކޫލްތަކުގައެވެ. މާލޭގައި މަޖީދިއްޔާ ސްކޫލް، ގަލޮޅު މަދުރަސާ، ހިރިޔާ ސްކޫލް އަދި އިސްކަންދަރު ސްކޫލުގައި ވޯޓު ފޮށި ބަހައްޓާއިރު، ހުޅުމާލޭގައި ވޯޓުލުން ކުރިއަށްދާނީ ޣާޒީ ސްކޫލާއި ކާމިލްދީދީ ސްކޫލުގައެވެ. އަދި ވިލިމާލޭގައި ވޯޓު ފޮށި ބަހައްޓާނީ މުޙްޠިއްދީން ސްކޫލުގައެވެ.
އެމްޑީޕީން ބުނިގޮތުގައި، ކުރިން ކަލާފާނު ސްކޫލްގައި ބެހެއްޓުމަށް ނިންމި ބައެއް ރަށްތަކުގެ ވޯޓުފޮށިތައް މިހާރު ވަނީ މަޖީދިއްޔާ ސްކޫލަށް ބަދަލުކޮށްފައެވެ. މީގެ ތެރޭގައި ހިތަދޫ މޫލެކެޑެ، ފޭދޫ މާދެލަ، ފުވައްމުލަކު ސިޓީގެ ދޫޑިގަން އަދި ތިނަދޫ ސިޓީގެ ފޮށިތައް ހިމެނެއެވެ.
މި ޕްރައިމަރީގައި ޖުމްލަ 152 ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އެ ޕާޓީން އާންމުކޮށްފައިވާ ލިސްޓުން ދައްކައެވެ. މީގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންނާއި، ރަށު ކައުންސިލް ރައީސުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނާއި މެންބަރުކަމަށް ވާދަކުރާ ފަރާތްތައް ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ކުރިން ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ހަރަކާތްތަކަށް ސްކޫލްތައް ބޭނުންކުރުމުގެ ފުރުސަތު އޮންނަނީ ބަންދުކޮށްފައެވެ. ނަމަވެސް މި ސަރުކާރުން ވަނީ ސްކޫލްތަކުގެ ކިޔެވުމަށް ދަތިނުވާނެހެން، ބަންދު ދުވަސްތަކުގައި ސިޔާސީ ހަރަކާތްތައް ހިންގުމަށް ސްކޫލްތައް ދޫކުރުމުގެ ސިޔާސަތެއް ކަނޑައަޅާފައެވެ. ސަރުކާރުން ވިދާޅުވެފައިވަނީ މި ފުރުސަތު ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް ހަމަހަމަކަމާއެކު ލިބޭނެ ކަމަށެވެ.