Ads by Stelco

ޚަބަރު

ޝަހީދު ޢަލީ ސްކޫލުން 1800 އަށްވުރެ ގިނަ ދަރިވަރުންނަށް ޖާގަ ދީފި؛ ދިރާސީ އައު އަހަރާއެކު ކިޔެވުން ފަށަނީ

ޝަހީދު ޢަލީ ސްކޫލުން 1800 އަށްވުރެ ގިނަ ދަރިވަރުންނަށް ޖާގަ ދީފި؛ ދިރާސީ އައު އަހަރާއެކު ކިޔެވުން ފަށަނީ

ޝަހީދު ޢަލީ ސްކޫލު ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 ޖެނުއަރީ 2026، 05:37

12 ޖެނުއަރީ 2026، 05:37

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ހުޅުވާ ޝަހީދު ޢަލީ ސްކޫލަށް ވަނުމަށް އެދުނު 1800 އަށްވުރެ ގިނަ ކުދިންނަށް އެ ފުރުޞަތު ދީފައިވާ ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ޝަހީދު ޢަލީ ސްކޫލުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު،  ދެއްވި އިންޓަވިއުއެއްގައެވެ. ވަޒީރު ވިދާޅުވީ ސަރުކާރުން ކަނޑައެޅި ގޮތަށް، ކުރިއަށް އޮތް ދިރާސީ އައު އަހަރާއެކު މި ސްކޫލުގައި ކިޔެވުން ފަށާނެ ކަމަށެވެ.

ސްކޫލަށް ކުދިން ހޯދުމުގެ މަސައްކަތް މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ކުރަމުން އަންނަކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެންމެ ފުރަތަމަ ބަލާފައިވަނީ ދެވަނަ ފިޔަވަހިން މާލެއަށް ކިޔަވަން އަންނަ ދަރިވަރުންގެ އަދަދާއި، އެ ސަރަހައްދަށް ބަދަލުވާން ބޭނުންވާ ކުދިންގެ އަދަދަށް ކަމަށެވެ.

800-900 ކުދިން މާލެއަށް ކިޔަވަން އެބަ އާދޭ. އަހަރުގެ މެދު ތެރޭގައި ބެލެނިވެރިންނަށް ރިކުއެސްޓް ކުރިން، ހުޅުމާލެ ފޭސް 2 އަށް ކުދިން ބަދަލު ކުރަން ބޭނުންވާ ބެލެނިވެރިންނަކީ ކޮބާތޯ. އޭރުވެސް 500 ބެލެނިވެރިން އެކަމަށް ބޭނުންވި،

ވަޒީރު 

ވަޒީރު އިތުރަށް ވިދާޅުވީ، މިހާތަނަށް 1800 ދަރިވަރުންނަށް ޖާގަ ދީފައިވީ ނަމަވެސް، ދެވަނަ ފިޔަވަހީގެ ސްކޫލުތަކަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކަށް އަދިވެސް އެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ޝަހީދު ޢަލީ ސްކޫލަކީ 5 ފަންގިފިލާއަށް ތަރައްޤީކޮށްފައިވާ، 50 ކްލާސްރޫމުގެ ސްކޫލެކެވެ. އިމާރާތުގެ ހުރިހާ މަސައްކަތްތަކެއް މިހާރު ނިމިފައިވާއިރު، ސްކޫލަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމާއި، މުދަރިސުންނާއި ސްޓާފުން ހަމަޖެއްސުމުގެ މަސައްކަތްތައް ވަރަށް ފުރިހަމައަށް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސްކޫލާއެކު ދަރިވަރުންގެ ބޮޑެތި ތަކުލީފުތަކަކަށް ލުޔެއް ލިބިގެން މިދަނީ. މާލޭގެ އެހެން ސްކޫލުތަކެކޭ އެއްގޮތަށް، ފެންވަރު ރަނގަޅު މުދަރިސުން ކިޔަވައިދޭނީ،

ވަޒީރު 

ޔުނީފޯމުގެ ކަންކަންވެސް ރަނގަޅަށް ކުރިއަށްދާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ މިއީ އަލަށް ހުޅުވާ ސްކޫލަކަށްވާތީ ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރެދާނެ ކަމަށާއި، ނަމަވެސް ކިޔެވުމަށް ބުރޫއަރާ ފަދަ އެއްވެސް ކަމެއް ނާންނާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

ޝަހީދު ޢަލީ ސްކޫލަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ދާއިމީ ދެވަނަ ސްކޫލެވެ. އެ ސަރަހައްދުގައި އެންމެ ފުރަތަމަ ހުޅުވި ދާއިމީ ސްކޫލަކީ 2023 ވަނަ އަހަރު ހުޅުވި ޞަލާޙުއްދީން ސްކޫލެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450