ޚަބަރު
ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ސްކޫލަކަށް ފޮތްތައް ފޮނުވާ ނިމޭނެކަމުގެ ޔަގީންކަން ވަޒީރު ދެއްވައިފި
ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ފޯޓޯ: ވުޒާރާގެ ވެބްސައިޓް
އައު ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފޮނުވައި ނިމޭނެކަމުގެ ފުރިހަމަ ޔަގީންކަން ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ދެއްވައިފިއެވެ.
ވަޒީރު ވިދާޅުވީ، ފޮތްތައް ފޯރުކޮށްދިނުމުގައި ބައެއް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވީ ނަމަވެސް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. މިގޮތުން މިހާތަނަށް ރާއްޖޭގެ ރަށްތަކުގެ 60 އިންސައްތައަށް ފޮތްތައް ފޮނުވައި ނިމިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ފޮތްތައް ފޮނުވުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މީގެ ކުރިން އަރަބިއްޔާ ސްކޫލްގެ ބޮޑު ގުދަނެއްގައި ކުރަމުންދިޔަ ފޮތްތައް ތަރުތީބުކުރުމުގެ މަސައްކަތް މިހާރު އަމީނިއްޔާ ސްކޫލަށް ބަދަލުކޮށްފައިވާތީ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ. މީގެ އިތުރުން މާލޭގެ އުތުރު ބަނދަރު ސަރަޙައްދުގައި ކުރިއަށްދާ މަސައްކަތްތަކުގެ ސަބަބުން، ބޯޓުފަހަރަށް ތަކެތި ބަރުކުރުމުގައިވެސް އުނދަގޫތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިކަންކަމާއެކުވެސް 100 އިންސައްތަ ޔަގީންކަން ދެން، ސްކޫލް ހުޅުވުމުގެ ކުރިން ފޮތްތައް ހަވާލުކުރާނެކަމުގެ ޔަގީންކަން ދެން، ވަޒީރު
އައު އަހަރަށް ބޭނުންވާ ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ފަށާފައިވާއިރު، ކޮންމެ ރަށަކަށްވެސް ފޮތްތައް ފޮނުވަނީ އެ ސްކޫލަކަށް އެ އަހަރަކު އަލަށް ވަންނަ ދަރިވަރުންގެ އަދަދަށް ބަލައިގެންނެވެ. މާލޭގެ ގިނަ ސްކޫލްތަކުގައިވެސް މިހާރު ވަނީ ފޮތްތައް ބެހުމުގެ މަސައްކަތް ފަށާފައެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ސްކޫލްތައް ހުޅުވުމުގެ ތައްޔާރީތައް ވަރަށް ފުރިހަމައަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ފޮތްތައް ފޯރުކޮށްދިނުމުގެ އިތުރުން، ސްކޫލްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި، އާ އަހަރަށް ބޭނުންވާ މުދައްރިސުން ހަމަކުރުމުގެ މަސައްކަތްތައްވެސް ބާރުސްޕީޑުގައި ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.