ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަނާމް މަޤާމުން ވަކިކޮށްފި
ގއ. ވިލިނގިލީ، އައިޒަން އަޙްމަދު އަނާމް އިބްރާހީމް ފޮޓޯ: ފުލުހުން
މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ސަރުކާރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަޤާމުގައި ހުރި ގއ. ވިލިނގިލީ، އައިޒަން އަޙްމަދު އަނާމް އިބްރާހީމް މަޤާމުން ވަކިކޮށްފިއެވެ.
އަނާމް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ގއ. އަތޮޅުގައި ކުރިއަށްގެންދާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުންނެވެ. މި އޮޕަރޭޝަނުގައި އެ އަތޮޅުގެ 10 ތަނެއް ބަލާ ފާސްކޮށްފައިވާއިރު، އަނާމްއާއެކު ޖުމްލަ 4 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މަޤާމުން ވަކިކުރިއިރު އަނާމް ހުރީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމުގައެވެ.
މި މައްސަލައާ ގުޅިގެން އަނާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އަނާމް މަޤާމުން ވަކިކޮށްފައިވާކަން ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ. މިއީ ޤާނޫނާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ ހަރުދަނާ އުސޫލުގެ ދަށުން ނިންމި ނިންމުމެކެވެ.
ސަރުކާރުން މީގެ ކުރިންވެސް ވަނީ ޤާނޫނާއި ގަވާއިދާ ޚިލާފު އަމަލުތަކުގައި ބައިވެރިވާ އިސް އޮފިޝަލުންނާމެދު ފިޔަވަޅު އަޅާފައެވެ. އަދި ކުށްކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމުގައި ސަރުކާރުން ފަސްނުޖެހޭނެ ކަމަށާއި، ކޮންމެ މަޤާމެއްގައި ހުރި މީހަކު ކަމުގައިވީނަމަވެސް ޤާނޫނު އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ.