Ads by Stelco

ޚަބަރު

ގއ.ގައި ހިންގި "އޮޕަރޭޝަން އަލިމަގު"ގައި ހައްޔަރުކުރި މީހުންގެ އެކައުންޓުތަކުގައި ކަންބޮޑުވާ މިންވަރަށް ފައިސާ އެބަހުރި

ގއ.ގައި ހިންގި "އޮޕަރޭޝަން އަލިމަގު"ގައި ހައްޔަރުކުރި މީހުންގެ އެކައުންޓުތަކުގައި ކަންބޮޑުވާ މިންވަރަށް ފައިސާ އެބަހުރި

އޮޕަރޭޝަން އަލިމަގުގައި ގއ.އަތޮޅުން ހައްޔަރުކުރި ހަތަރު މީހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖެނުއަރީ 2026، 10:06

13 ޖެނުއަރީ 2026، 10:06

ގއ. އަތޮޅުގައި ފުލުހުން ހިންގި “އޮޕަރޭޝަން އަލިމަގު” ގެ ދަށުން ހައްޔަރުކުރި މީހުންގެ ބޭންކު އެކައުންޓުތަކުގައި މިލިއަނުން ފައިސާ ދައުރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

 މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކަކާ ދެކޮޅަށް ހިންގި ހާއްސަ އޮޕަރޭޝަނެކެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލީގެ ހަތަރު މީހުންނެވެ. އެއީ ޝައްފާޙް ލަޠީފް (28އ)، އަޙްމަދު މަދީޙު (33އ)، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި ނޫރުއްނިޡާމް (35އ) އެވެ. ފުލުހުން ވިދާޅުވި ގޮތުގައި، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި މި ނެޓްވޯކުގެ މެންބަރުންގެ އެކައުންޓުތަކުގައި 300 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާއާއި 4 ލައްކައަށްވުރެ ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވެއެވެ.

އެކައުންޓުތަކުގައި ދައުރުވެފައިވާ ފައިސާގެ ތަފުސީލު
ފުލުހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ހައްޔަރުކުރި މީހުންގެ އާމްދަނީއާ ނުބައްދަލު ބޮޑެތި އަދަދުތަކުން ފައިސާ ވަނީ ދައުރުވެފައެވެ. އެގޮތުން:

އަޙްމަދު މަދީޙު: އެކައުންޓުގައި 17.1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުވެފައިވާއިރު، މުސާރައިގެ ގޮތުގައި ލިބިފައިވަނީ އެންމެ 4 ލައްކަ އެއްހާ ރުފިޔާއެވެ.
އަޙްމަދު އަނާމް އިބްރާހީމް: އެކައުންޓުގައި 38.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުވެފައިވާއިރު، މުސާރައިގެ ގޮތުގައި ލިބިފައިވަނީ 2.7 ލައްކަ ރުފިޔާއެވެ.
ޝައްފާޙް ލަޠީފް: އެކައުންޓުގައި 6.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުރުވެފައިވާއިރު، މުސާރައިގެ ގޮތުގައި ލިބިފައިވަނީ 3.7 ލައްކަ ރުފިޔާއެވެ.
ފުލުހުން ވިދާޅުވީ މި ނެޓްވޯކް އިސްވެ ހިންގާ ފަރާތާއި، އޭނާގެ ދަށުން މަސްތުވާތަކެތި ވިއްކުމާއި މަނީ ލޯންޑަރ ކުރުމުގައި ހަރަކާތްތެރިވާ 19 ފަރާތެއް މިހާތަނަށް ދެނެގަނެވިފައިވާ ކަމަށެވެ. އަދި މި ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުންދާކަން ތަހުގީގަށް ވަނީ އެނގިފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ޝައްފާޙް ލަޠީފާއި، އަޙްމަދު މަދީޙާއި، އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ނޫރުއްނިޡާމްގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ. މި ނެޓްވޯކާ ގުޅޭ ހާއްސަ ތަހުގީގެއް ފުލުހުން ފަށާފައިވަނީ 2025 މާރިޗު މަހުގެ ތެރޭގައެވެ.

މިދިޔަ އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 10 ތަނެއް ބަލައި ފާސްކޮށް، ހަތަރު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާ ގުޅޭގޮތުން ފުލުހުން ހާމަކުރެއްވި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 މީހެއްގެ ނަމުގައި ހުރި 53 ބޭންކު އެކައުންޓެއް ވަނީ ހިފަހައްޓާފައެވެ. މި މައްސަލައިގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450