Ads by Stelco

ޚަބަރު

ފުލުހުން މިދިޔަ މަހު 21،521 ތަނެއް ބަލައި ފާސްކުރި

ފުލުހުން މިދިޔަ މަހު 21،521 ތަނެއް ބަލައި ފާސްކުރި

ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެެރެއިން އާންމު ރައްޔިތަކާ ސުވާލުކުރަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖެނުއަރީ 2026، 10:06

13 ޖެނުއަރީ 2026، 10:06

މާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިދިޔަ ޑިސެމްބަރު މަހު މާލޭގެ 21،521 ތަނެއް ބަލައިފާސްކޮށް، 5،701 މީހުންނާ ސުވާލުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކޮށްފިއެވެ.

މާލެ ފްރަންޓްލައިން ޕޮލިސިންއިން ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެ މުއްދަތުގައި ހުއްޓުވައި ސުވާލުކުރި މީހުންގެ ތެރެއިން ގިނައީ ކުށުގެ ރެކޯޑް އޮންނަ މީހުންނެވެ. އެގޮތުން ކުށުގެ ރެކޯޑް އޮތް 5،023 މީހަކާ ސުވާލުކޮށްފައިވާއިރު، ކުށުގެ ރެކޯޑް ނެތް 678 މީހަކާ ވެސް ފުލުހުން ވަނީ ސުވާލުކޮށްފައެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރި މަސައްކަތްތަކުގެ ތެރޭގައި، މިދިޔަ މަހު އެކަނިވެސް 1،048 ގަޑިއިރާއި 43 މިނެޓު ފައިމަގުގައި ޕެޓްރޯލްކޮށްފައިވާ ކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން، ތުހުމަތު ކުރެވޭ އެކި މައްސަލަތަކާ ގުޅިގެން ގިނަ އަދަދެއްގެ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި މަސައްކަތްތަކުގެ ތެރެއިން ކުށެއް ކުރަން އުޅޭ ކަމަށް ތުހުމަތުވާ ފަރާތްތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން އެހެނިހެން ކުށްތަކަށް ތުހުމަތު ކުރެވޭ މީހުން ވެސް ވަނީ ހައްޔަރުކޮށްފައެވެ. މިއީ މާލޭގެ އަމާންކަން ދެމެހެއްޓުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ.

މާލޭގެ މަގުތަކުގައި ކޮންމެ ފަސް މިނެޓަކުން ފުލުހަކާ ބައްދަލުވާނެ ފަދަ ގޮތަކަށް ފުލުހުންގެ ސިޔާސަތު މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ފުލުހުންގެ ހަރަކާތްތައް މަގުމަތީގައި އިތުރުވެ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތައް ވަނީ ވަރުގަދަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450