ޚަބަރު
މިދިޔަ މަހު 12،424 އުޅަނދު ބަލައި ފާސްކޮށް 1554 އުޅަނދަށް ފިޔަވަޅު އަޅައިފި
ޕޮލިހުން މަގުމަތީގައި ހަރަކާތްތެރިވަނީ
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ މަހު 12،424 އުޅަނދު ބަލައި ފާސްކޮށް، 1،554 އުޅަނދަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
ފުލުހުން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ޖުމްލަ 27،186 އުޅަނދެއް މަގުމަތިން ހުއްޓުވައި ބަލާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 12،752 އުޅަނދާއި ހަތަރު ފުރޮޅުލީ 14،404 އުޅަނދެވެ. މީގެ ތެރެއިން ފާސްކުރި 12،424 އުޅަނދުގެ ތެރޭގައި ދެ ފުރޮޅުލީ 5،765 އުޅަނދާއި ހަތަރު ފުރޮޅުލީ 6،659 އުޅަނދު ހިމެނެއެވެ.
މަގުމަތީގެ ގަވާއިދުތަކަށް ހޭލުންތެރިކުރުވުމުގެ ގޮތުން މިދިޔަ މަހު 10،870 އުޅަނދަކަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ. ނަމަވެސް، ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން 1،554 އުޅަނދަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ ތެރޭގައި ދެ ފުރޮޅުލީ 728 އުޅަނދާއި ހަތަރު ފުރޮޅުލީ 826 އުޅަނދު ހިމެނޭއިރު، ނުރައްކާތެރިކޮށް ދުއްވައިގެން ދެ ފުރޮޅުލީ 27 އުޅަނދެއް ހުއްޓުވާފައިވެއެވެ.
ލައިސަންސް ނެތި އުޅަނދު ދުއްވި މައްސަލަތަކުގައި ޖުމްލަ 260 އުޅަނދެއް ހުއްޓުވާފައިވާއިރު، އޭގެ ތެރޭގައި ދެ ފުރޮޅުލީ 241 އުޅަނދާއި ހަތަރު ފުރޮޅުލީ 27 އުޅަނދު ހިމެނެއެވެ. މީގެއިތުރުން، ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން 683 އުޅަނދެއް ޓޯކޮށްފައިވެއެވެ. އޭގެ ތެރޭގައި ދެ ފުރޮޅުލީ 323 އުޅަނދާއި ހަތަރު ފުރޮޅުލީ 360 އުޅަނދު ހިމެނެއެވެ.
ޕާކިންގް ގަވާއިދުތަކާ ހިލާފުވެގެން މިދިޔަ މަހު ޖުމްލަ 1،367 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި ދެ ފުރޮޅުލީ 661 އުޅަނދާއި ހަތަރު ފުރޮޅުލީ 706 އުޅަނދު ހިމެނެއެވެ.
މާލެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވަމުންދާތީ، ޓްރެފިކް ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުން ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކަމާގުޅޭ އިދާރާތަކަށް އިރުޝާދު ދެއްވާފައެވެ. މި އިރުޝާދާ އެއްގޮތަށް ފުލުހުން މިހާރު ދަނީ 24 ގަޑިއިރު މަގުތައް ޕެޓްރޯލްކޮށް، ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.