Ads by Stelco

ޚަބަރު

ދުންފަތުގެ ވިޔަފާރިކުރާ 400އަށްވުރެ ގިނަ ފަރާތަށް ލައިސެންސް ދޫކޮށްފި

ދުންފަތުގެ ވިޔަފާރިކުރާ 400އަށްވުރެ ގިނަ ފަރާތަށް ލައިސެންސް ދޫކޮށްފި

ރާއްޖޭގައި ވިއްކާ ބައެއް ސިނގިރޭޓްގެ ބާވަތްތައް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 ޖެނުއަރީ 2026، 11:59

13 ޖެނުއަރީ 2026، 11:59

ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ޤާނޫނުން ލާޒިމް ކުރާ ވެންޑަރ ލައިސަންސް 400 އަށްވުރެ ގިނަ ވިޔަފާރިތަކުން ނަގާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

 ދުންފަތުގެ އެކި ބާވަތްތައް ވިއްކުމަށް ވަކި ޚާއްޞަ ލައިސަންސެއް ނަގަންޖެހޭ ގޮތަށް ޤާނޫނަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

އެޗްޕީއޭއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 437 ވިޔަފާރިއަކަށް ވެންޑަރ ލައިސަންސް ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން ޓޮބޭކޯ އިމްޕޯޓް ލައިސަންސް 31 ފަރާތަކަށް އަދި ޓޮބޭކޯ ރީ-އެކްސްޕޯޓް ލައިސަންސް 2 ފަރާތަކަށް ވަނީ ދޫކޮށްފައެވެ. މި ޤާނޫނުގެ ދަށުން ރާއްޖޭގައި ވިއްކާ ދުންފަތުގެ ކޮންމެ ބާވަތެއް ރަޖިސްޓްރީ ކުރަންޖެހޭއިރު، މިދިޔަ މަހުގެ ނިޔަލަށް 312 ބާވަތެއް ވަނީ ރަޖިސްޓްރީކޮށްފައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް
ދުންފަތުގެ ސަބަބުން ލިބޭ ޞިއްޙީ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދޫކުރާ ހުއްދައިގެ އިތުރުން، ޞިއްޙީ ވުޒާރާއިން ވަކި ޚާއްޞަ ލައިސެންސެއް ނަގަންޖެހޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، 15 ނޮވެމްބަރު 2024 އިން ފެށިގެން ރާއްޖެއަށް ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް އެތެރެކުރުން ވަނީ މަނާކޮށްފައެވެ.

ޒުވާން ޖީލު ދުންފަތުން ސަލާމަތްކުރުމަށްޓަކައި، ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް މިހާރު ވަނީ ކަނޑައަޅާފައެވެ. އަދި 1 ޖަނަވަރީ 2007 ގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތް ވިއްކުމާއި ބޭނުންކުރުން މަނާކުރާ "ޖެނެރޭޝަނަލް ބޭން" އެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. މީގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީވެސް ވަނީ ބޮޑުކޮށްފައެވެ.

ސަރުކާރުން ވިދާޅުވާ ގޮތުގައި މި ފިޔަވަޅުތަކުގެ މައިގަނޑު މަޤްޞަދަކީ ގައިން ގަޔަށް ނާރާ ބަލިތަކުން ރައްޔިތުން ރައްކާތެރިކުރުމެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މިފަދަ ބަލިތަކަށް މަގުފަހިވާ އެންމެ ބޮޑު އެއް ސަބަބު ކަމަށްވާތީ، މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450